Last Updated: April 20, 14:10
Saturday, April 20, 2024
ޚަބަރު

ޕީޕީއެމްގައި އޮތީ ރަށްތައް ވިއްކާލުމުގެ ފިކުރު: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގައި އޮތީ ރަށްތައް ފަޅުކޮށް އަދި ރަށްތައް ވިއްކާލުމުގެ ފިކުރު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދު ކެމްޕޭނުގައި އެ ދާއިރާގެ މަރޮށީގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޕީޕީއެމުން ބޭނުންވަނީ ރާއްޖޭގެ ރަށްތައް ފަޅުކޮށްލުމަށްފަހު އެ ރަށްތައް ވިއްކާލަން ކަމަށާއި ޕީޕީއެމްގެ ސަރުކާރުގައި ރާއްޖޭގެ ރަށްތައް ހެދިގޮތް މިދިޔަ ފަސް އަހަރު ފެނިފައިވާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބަކީ ބޮޑުތަނުން ޕީޕީއެމްގެ ސިޔާސަތަށް ނޫނެކޭ ބުނެ، އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދޭންޖެހޭ އިންތިހާބެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ކުރިން ފުރުއްވި ހުސެއިން ވަހީދަކީ ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެމްޑީޕީގެ ފިކުރަށް އަނެއްކާވެސް ވޯޓުދޭންޖެހޭ ކަމަށެވެ.

"ބޮޑުތަނުން ޕީޕީއެމްގެ ފިކުރު، ރާއްޖޭގެ ރަށްތައް ފަޅުކޮށްލުމުގެ ފިކުރު، ރާއްޖޭގެ ރަށްތައް ވިއްކާލުމުގެ ފިކުރު ބަލިކޮށްލަންވީ" ޝާހިދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.