Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ކަމެއް ނުކޮށްދީ އިދިކޮޅުން ކެމްޕޭނުގެ ވާހަކަ ދައްކާތީ ލަދުގަނޭ

ށ.ކޮމަންޑޫ ދާއިރާ އަށް ކަމެއްކޮށް ނުދީ ކެމްޕޭނުގެ ވާހަކަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދައްކަމުން އަންނާތީ ލަދުގަންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދު ކެމްޕޭނުގައި އެ ދާއިރާގެ ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މާރިޔާ ވިދާޅުވީ ޕީޕީއެމުން ވެރިކަން ކުރިއިރު ކޮމަންޑޫ ދާއިރާ އަށް ކޮށްދިން ކަމެއް ނެތް ކަމަށާއި 2013 ވަނަ އަހަރު ކޮމަންޑޫ ކުރެއްވި ދަތުރުގައި އޭރު ކޮމަންޑޫގެ ބަނދަރު އޮތް ހާލަތު ހަނދާނުގައި އެބަހުރި ކަމަށެވެ.

އެގޮތުން ބަނދަރެއް ހަދައިދޭން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމަށާއި ނަމަވެސް އެކަންވެސް ޕީޕީއެމްގެ ސަރުކާރުގައި ވެފައި ނުވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ދެން އެދެނު ކަންތައްތައް ވެސް ކޮށްދެވިފައި ނުވާ ކަމަށާއި ކޮމަންޑޫ ދާއިރާ އަށް ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓަކީ ކުރީ ސަރުކާރުގެ މަތީ މަގާމުގައި ހުންނެވި ބޭފުޅެއް ކަމަށްވާއިރު ދާއިރާ އަށް ކަމެއްކޮށް ނުދީ ކެމްޕޭނުގެ ވާހަކަ ދައްކަވާތީ ލަދުގަންނަ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

"ދެން ވަޑައިގެން މިތަނުގައި ކެމްޕޭނޭ ވިދާޅުވެ ވާހަކަފުޅުދައްކަވަމުން ގެންދަވަތީ އަޅުގަނޑު ހަމަ އަސްލު ވެސް އަޑުއަހާލަން ވެސް ލަދުގަނޭ" މާރިޔާ ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު މި އިންތިހާބުގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެވެ.