Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޓޮޓެންހަމް ބަލިކޮށް ޗެލްސީ ފައިނަލަށް

އިނގިރޭސި ލީގުގެ ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި 1-0 އިން ޓޮޓެންހަމް ބަލިކޮށް ޗެލްސީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމްގެ މައްޗަށް 2-0 އިން ކުރި ހޯދާފަ އެވެ. ޗެލްސީ ފައިނަލަށް ދަތުރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ޓޮޓެންހަމުން ރޭގެ މެޗަށް ނިކުތީ އެ ޓީމުގެ އެއްވަނަ ގޯލްކީޕަރު ހޫގޯ ލޮރިސްގެ ބަދަލުގައި ދެ ވަަނަ ކީޕަރަކަށް ހުރި ޕިއެރްލުއީޖީ ގޮލީނީ ފުރަތަމަ އެގާރަ އަށް ލައިގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޗެލްސީން ކާމިޔާބުކުރީ ގޮލީނީ އަށް ހެދުނު ގޯހަކުންނެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓްގައި ޗެލްސީން ނެގި ކޯނަރެއް ދިފާއުކުރަން ގޮލީނީ އެރި ނަމަވެސް އޭނާގެ އަތުގައި ބޯޅަ ނުޖެހި، ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާގެ ބުރިކަށީގައި ޖެހިފަ އެވެ.

ޓޮޓެންހަމުން މި މެޗުގައި ގޯލެއް ޖެހުމަށް އެންމެ ބޮޑު ހުރަހަކަށްވީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އެވެ. އެގޮތުން ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ހޮއިބިއާ އަށް ރޫޑިގާ ކުރި ފައުލަކަށް ރެފްރީ އަންދްރޭ މެރިނާ ޕެނަލްޓީއެއް ދޭން ނިންމި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް ޕެނަލްޓީއޭރިއާގެ ބޭރުން ޖެހުމެއް ޓޮޓެންހަމް އަށް ދިނުމަށް ނިންމާފަ އެވެ.

ދެ ވަނަ ހާފުގައި ވެސް ޓޮޓެންހަމް އަށް ޕެނަލްޓީއެއް ދިނުމަށް ރެފްރީ ނިންމި އެވެ. އެފަހަރު ރެފްރީ އެ ނިންމުން ނިންމީ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ޓޮޓެންހަމްގެ ލޫކަސް މޯރާ އަށް ފައުލުކުރި ކަމަށް ބެލުމަށްފަހު އެވެ. ނަމަވެސް ވީއޭއާރް އިން ބެލިއިރު ކެޕާ ފައުލެއްކޮށްފައި ނުވާތީ އެ ނިންމުން ވެސް ރެފްރީ ބަދަލުކުރި އެވެ. އޭގެ ފަހުން ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ޖެހި ގޯލެއް ވަނީ ވީއޭއާރް އިން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

ލީގު ކަޕް ފައިނަލުގައި އަންނަ މަހު 27 ވަނަ ދުވަހު ވެމްބްލީ ސްޓޭޑިއަމްގައި ޗެލްސީއާ ދެކޮޅަށް ކުޅޭނީ ލިވަޕޫލާއި އާސެނަލް ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމެކެވެ. ލިވަޕޫލް އާއި އާސެނަލް ބައްދަލުކުރާ ސެމީފައިނަލްގެ ފުރަތަމަ ލެގު ކުޅޭނީ މިރެ އެވެ.

ޗެލްސީ ވަނީ ފަސް ފަހަރު ލީގު ކަޕް ކާމިޔާބުކޮށްފަ އެވެ.