Last Updated: January 19, 11:57
Wednesday, January 19, 2022
ޚަބަރު

ވަގަށް ނުނަގައިފި ނަމަ 2023 ގެ އިންތިހާބު ޕީޕީއެމުން ކާމިޔާބުކުރާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ވަގަށް ނުނަގައިފިނަމަ ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނުގައި މިއަދު ކޮމަންޑޫ އަށް ވަޑައިގެން ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިންތިހާބަށް ބާކީ އޮތީ ދޮޅު އަހަރު ކަމަށާއި އެގޮތުން 2023 ވަނަ އަހަރުގެ އިންތިހާބަކީ ވަގަށް ނުނަގާ އިންތިހާބަކަށް ވެއްޖެނަމަ އެއީ ޕީޕީއެމްގެ އިންތިހާބެއް ކަމަށެވެ.

"މިދިޔަ އިންތިހާބު އެގޮތަށް ވަގަށް ނަގާ، މިކަންކަން މިހެން ގެންދިޔައިމަ ހިތްދަތިކަން ތަހައްމަލު ކުރަމުން މިދަނީ. އެހެން ނަމަވެސް ގަބޫލުކުރައްވާ. ރާއްޖޭގައި އެންމެ ވިކޭ ފިކުރަކީ ރާއްޖެ ބިނާ ކުރާ ފިކުރު، ރާއްޖެ އަށް ތަރައްގީ ގެންނާނެ ފިކުރު" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ފިކުރަކީ އެއްގޮތަކަށް ވެސް އާމްދަނީ ހޯދަން ޒުވާނުންނަށް ވަޒީފާ ލިބެން ހުންނަ ކުންފުނިތައް ވިއްކާލާ ފިކުރު ނޫން ކަމަށެވެ. އަދި މިއަދު ރާއްޖެ އަޅުވެތި ވެގެންދާއިރު ސިޔާސީ ލީޑަރުންގެ އެއްޗެކޭ ވިދާޅު ނުވާތީ އެކަމަށް ވެސް ޔާމީން ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މިހާރު ސިޔާސީ ލީޑަރުން ނިކުމެ ގޯހެއް ހެދިއްޖެ ކަމަށް ބުނެ ރައްޔިތުންގެ އަރިހުން މައާފަށް އެދުނަސް މައާފަށް އެދެން ނުޖެހޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ގޮވާލުމަކީ މުޅި ދިވެހި ރައްޔިތުންގެ ބަސް ކަމަށާއި ނަމަވެސް މީގެކުރިން ގައުމާއި ދީނުގެ ހައްގުގައި މަސައްކަތް ކުރި ބޭފުޅުން މިއަދު ބަހެއް ވިދާޅުވާން ވެސް ކެރިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ޕީޕީއެމުން މިކަން ފެށުމުން ވެސް ދައްކަނީ އެކި ބަހަނާތައް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.