މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ދިވެހިން ނިދާނީ ފިނި ކޮޓަރީގައި ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ އަށް އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލް ހަންނާނު އިދުރީސްގެ މާލޭގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ (ކޮމަންޑޫ، ފޯކައިދޫ، މަރޮށި) ގެތަކަށް ޒިޔާރަތް ކުރުމުން ކަންކަން ހުރި ގޮތް ފެނިފައި ސަރުކާރުތަކުން މިދިޔަ އަހަރުތަކުގައި ރައްޔިތުން ފުދުންތެރިކުރުމަށްޓަކާ ކުރި ކަމަކާ މެދު ސުވާލު އުފެދުނު ކަމަށެވެ.
އެ ދާއިރާގެ ރަށްތަކުގެ ގެތަކަށް ޒިޔާރަތް ކުރުމުން ރައްޔިތުން ތިބި ނިކަމެތި ހާލު ފެނިފައި ލޮލުން ކަރުނަ އައި ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އަދި ރާއްޖެ އަކީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު ބޮޑު އަދަދެއް ލިބޭ ގައުމެއް ނަމަވެސް ފައިސާ ދާތަނެއް ނޭނގޭ ކަމަށާއި ރައްޔިތުން ތިބީ ނިކަމެތިކަމުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު އަރުވަން އޮތް ޔަގީން ކަމަކީ މި ޕާޓީގެ ޒައާމަތުގައި އިރާދަކުރެއްވިއްޔާ ދިވެހިން ނިދާނީ ފިނި ކޮޓަރީގައި. ދިވެހިންނަށް ހައްގު މިންވަރަކީ މިއީ. ދިވެހިންނަކީ ގޭގައި އަރާމުގައި އާއިލާއާ އެކީގައި ނިދާލެވެންޖެހޭ ބައެއް" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ދިވެހިންނަކީ ލިބޭ އާމްދަނީގެ ނިސްބަތް ބޮޑުކޮށް ކޮންމެ މީހަކީ ވެސް ފުދުންތެރި ބައެއްގެ ގޮތުގައި ދިރިއުޅެންޖެހޭ ބައެއް ކަމަށެވެ. އަދި އެމްއެންޕީ ނިކުމެ އޮތީ ދިވެހިންނަށް ލިބެންޖެހޭ ހައްގު މިންވަރު ހޯދައިދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.