ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާ އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން މިއަދު ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ސަފީރާ ބައްދަލުކުރުމަކީ އަބަދުވެސް ލިބޭ އުފަލެއް ކަމަށެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ދާދިފަހުން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެފައިވާ ކަންކަން ތަންފީޒު ކުރުމަށް ދެ ގައުމުން ވަރަށް ގާތުގައި މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
އޭގެ އިތުރުން ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
Always a pleasure to meet with @China_Amb_Mdv.
I thanked #China for the support provided by State Councilor Wang Yi, during his visit to Maldives recently. We’re working closely to implement the agreed outcomes of that visit, and to strengthen 🇲🇻 – 🇨🇳 ties. pic.twitter.com/30aYx53idV
— Abdulla Shahid (@abdulla_shahid) January 13, 2022
ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއާ ޗައިނާއާ ދެމެދު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޗައިނާ އަށް ދާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް ހިމެނެ އެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ޗައިނާ އަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ.
މީގެއިތުރުން މިއަދު ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އަދި ޗައިނާގެ އެހީގައި އެޅި ސިނަ މާލެ ބްރިޖު ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ބޯފެން ފޯރުކޮށްދިނުމަށާއި ސިއްހީ ދާއިރާ އިން އެހީވުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ސޮއިކޮށްފަ އެވެ.