Last Updated: July 4, 06:42
Friday, July 4, 2025
ޚަބަރު

މި ސަރުކާރަކީ އިންތިހާބަށް ފޮޅޭ މަލެއް ނޫން: އާޒިމް

އާދަމް އާޒިމް، ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރަކީ އިންތިހާބަށް ފޮޅޭ މަލެއް ނޫން ކަމަށާއި މިއީ ކޮންމެ ދުވަހަކު ވެސް ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާ ސަރުކާރެއް ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވެފައިމިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން އެ ދާއިރާ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވަމުންދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރޭ "ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ މި ސަރުކާރަކީ އިންތިހާބަށް ފޮޅޭ މަލެއް ނޫން ކަމަށާއި މި ސަރުކާރަކީ ކޮންމެ ދުވަހަކު ވެސް ރައްޔިތުންނަށް ޕްރޮޖެކްޓުތައް ހިންގައިދީ، ކޮންމެ ދުވަހަކު ވެސް ޕްރޮޖެކްޓުތަކުގައި ސޮއިކުރެވި އަދި ކޮންމެ ދުވަހަކު ވެސް ނިންމަމުން ރައްޔިތުންނާ ހަވާލުކުރަމުންދާ ސަރުކާރެއް ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް މި ސަރުކާރުގެ މާ ފޮޅޭނެ. އެއްވެސް މީހަކަށް މިއަދު ބުނެވޭކަށް ނޯންނާނެ މިއީ އިންތިހާބު އަންނާތީއޭ މިހެން މިވަނީ. އެއީ މިދިޔަ ތިން އަހަރު ތެރޭގައި ކޮންމެ ދުވަހަކީ ވެސް ގާތްގަނޑަކަށް ޕްރޮޖެކްޓެއްގައި ސޮއިކުރެވި، ކޮންމެ ދުވަހަކީ ވެސް ޕްރޮޖެކްޓުތަކެއް ނިމި، ކޮންމެ ދުވަހަކީ ވެސް އާ ޕްރޮޖެކްޓުތައް އަރަމުން އެމްޓީސީސީން މިދަނީ" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެމްޓީސީސީން 25 އަށް ވުރެ ގިނަ ރަށެއްގެ ބަނދަރު ނިންމި ކަމަށާއި އަދި 34 ބަނދަރެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށެވެ. އަދި އެއާޕޯޓެއްގެ މަސައްކަތް ނިމި މިހާރުވެސް ދެ އެއާޕޯޓެއްގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެތައް ރަށެއްގެ މަގުތަކުގެ މަސައްކަތްތައް ވެސް އެމްޓީސީސީން ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި ސަރުކާރަކީ އިންތިހާބެއް އަންނާތީއޭ ކިޔާފައި ޕްރޮޖެކްޓުތައް ހުއްޓާލަންޖެހޭ ސަރުކާރަކަށް ވެގެން ނުވާނެތާ. އިންތިހާބު އަޔަކަސް، ނަޔަކަސް ރައްޔިތުންނަށް ދޭ ހިދުމަތްތަކެއް ދެމެންދާން އެބަޖެހޭ" އާޒިމް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާއިރު ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ ޕްރޮޖެކްޓު ސަރުކާރުން ދާދިފަހުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް އޮގަސްޓު ނުވަތަ ސެޕްޓެމްބަރުގެ ކުރިން ނިންމަން އެމްޓީސީސީން ވަނީ އަމާޒު ހިފާފަ އެވެ.