Last Updated: July 10, 09:22
Thursday, July 10, 2025
ޚަބަރު

ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދަނީ އިންޓަނެޓް ސްޕީޑާ އެއްވަރަށް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދަނީ އިންޓަނެޓް ސްޕީޑާ އެއްވަރަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ށ.ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ފެށުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ މި ސަރުކާރުން 188 ނުވަތަ 186 ރަށުގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދާ ކަމަށާއި މަޝްރޫއުތައް ހިންގުމުގައި ގޫގުލް ސްޕީޑުގައި ނުދެވުނަސް އިންޓަނެޓް ސްޕީޑާއި އެއްވަރުގައި ހިފަހައްޓާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފަހަރުގައި ގޫގުލް ސްޕީޑުގައި ނުދެވިދާނެ. ގޫގުލް ސްޕީޑުގައި ދެެވެނީ އިންޓަނެޓު ސްޕީޑު އޮތް ހިސާބަކުން. އަޅުގަނޑުމެން ދާނަން އިންޓަނެޓް ސްޕީޑް އޮތް ހިސާބަކާއި އެއްވަރެެއްގައި" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ 19 ވަނަ ގަރުނުގައި ކަމަށާއި ކޮވިޑްގެ ވަބާއާއެކު 21 ވަނަ ގަރުނާ ހިސާބަށް ރާއްޖެ ގެންނަން ސަރުކާރަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. ނަމަވެސް ހުރިހާ ދައްޗަކާއި ތަކްލީފަކާއި އެެއްކޮށްވެސް ރާއްޖޭގައި ހުރިހާ ކަންކޮޅުތަކެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"އެތައް ޒަމާނެއް ވަންދެން ރައްޔިތުން ބޭނުންވެފައި ތިބި ކަންކަން އަޅުގަނޑުމެން ކުރަމުން މިދަނީ. މާތްﷲ އިރާދަކުރެއްވިޔާ މި ދައުރު ނިމޭއިރު ރައްޔިތުން ހިތްފުރޭ ވަރަށް އަޅުގަނޑުމެންގެ ކައިރީގައި އެދުނު ކަންކަން ހަމަޖެހި އެ ހިދުމަތްތައް ލިބޭނެ ކަމާމެދު ޝައްކު ނުކުރެއްވުމަށް އަޅުގަނޑު އެދެން" ފައްޔާޒު ވިދާޅުވި އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއު އަށް 249.9 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.