Last Updated: January 19, 13:02
Wednesday, January 19, 2022
ޚަބަރު

ހުރިހާ ކަމެއް މިހާރު ހިނގަނީ އިންޑިއާ ސިފައިން އަންގާ ގޮތަކަށް

ހުރިހާ ކަމެއް މިހާރު ހިނގަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަންގާ ގޮތަކަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނުގައި މިއަދު ށ.ފުނަދޫގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ރައްޔިތުންނަށް އުނދަގޫވާ ކަމަށާއި ހާއްސަކޮށް އިންޑިއާ ސިފައިން ތިބި ރަށްތަކުގެ ރައްޔިތުންނަށް މި އުނދަގޫ ބޮޑުވާ ކަމަށެވެ.

މި ސަރުކާރަށް ރައްޔިތުންގެ ކަންކަން ނިމުމުގައި އެއްވެސް ބާރެއް ނެތް ކަމަށާއި އެގޮތުން ހުރިހާ ކަމެއް ނިމިގެން އަންނަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ތެރެއިން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށް ގޮވާލަނީ އެ ސަބަބާއި ހުރެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުސަތު ދީފިނަމަ އެކި ދިމާލުގައި އެމީހުން ހަންފަތުރަމުން ދާނެ ކަމަށެވެ. އަދި މިއަދު އިންޑިއާ ސިފައިން ތިބި ހަނިމާދޫގައި މިހާރު ދައުލަތުގެ ބާރެއް ނުހިނގާ ކަމަށާއި އެގޮތުން ހަނިމާދޫގައި ބޯޓެއް ވެސް ޖެއްސެނީ އިންޑިއާ އަސްކަރިއްޔާ އިން ހުއްދަ ދިނުމުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ހުރިހާ ކަމެއް މިހާރު ހިނގަނީ އިންޑިއާ ސިފައިން އަދި އަސްކަރިއްޔާ އަންގާ ގޮތަކަށް ކަމަށާއި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ ހަރަކާތް ޕީޕީއެމުން އިސް ނެގި ނަމަވެސް މިއީ ސިޔާސީ އެކި ފިކުރުގެ މީހުން ބައިވެރިވާ ހަރަކާތެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މި ހަރަކާތް ރާއްޖޭގެ އެކި ރަށްތަކަށް ވެސް މިހާރު ވަނީ ފުޅާކޮށްފަ އެވެ.