Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޔޫކޭގެ ޤާނޫނުހަދާ މަޖިލީހުގައި، ޗައިނާގެ "އެޖެންޓަކު" އެކްޓިވްކޮށް ހަރަކާތްތެރިވާކަމުގެ އިންޒާރު ދީފި

ޗައިނާގެ އެޖެންޓް ކަމަށް އެމްއައި15 އިން ތުހުމަތުކުރާ ކްރިސްޓީން ލީ--

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި، ޗައިނާގެ "އެޖެންޓަކު" އެކްޓިވްކޮށް ހަރަކާތްތެރިވާކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއިން ދީފިއެވެ.

އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ ކަމަށްވާ އެމްއައި15 އިން އިންޒާރުދީފައިވާ ގޮތުގައި ޗައިނާ ސަރުކާރުގެ އެޖެންޓަކު ޤާނޫނުހަދާ މަޖިލީހުގައި މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ "ޕްރޮސެސްތައް ފުނޑުފުނޑުކޮށްލުމަށް" ކަމަށެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ސްޕީކަރ، މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ކްރިސްޓީން ލީ ނަމަކަށް ކިޔާ އަންހެނަކު "ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ފަރާތުން ސިޔާސީ ނުފޫޒު ފޯރުވުމުގެ ހަރަކާތްތަކެއް ހިންގައި، ޕާލަމެންޓްގައި ތިބި މެމްބަރުންނާ މުއާމަލާތް ކުރަމުންދާ" ކަމަށެވެ. އަދި އެކަމުގެ އިންޒާރު އެމްއައި15 އިން ދީފައިވާކަމަށެވެ.

ކްރިސްޓީން ލީއާ ގުޅޭގޮތުން އެމްއައި15 އިން ނެރެފައިވާ "އިންޓަރފިއަރެންސް އެލާޓް"އާ ހަވާލާދީ ބޭރު މީޑިއާތަކުން ބުނެފައިވަނީ، ޗައިނާއާއި ހޮންގްކޮންގައި ތިބޭ އެހެން ޤައުމުތަކުގެ މީހުންގެ ނަމުގައި ޔޫކޭ ޕާލިމެންޓްގެ މެމްބަރުންނަށް ކްރިސްޓީން ލީ ފައިސާގެ އެކި އެހީތައް ފޯރުކޮށްދީފައިވާކަމަށާއި، އަދި އެ ފައިސާގެ އަސްލު އޮޅުވާލުމުގެ މަސައްކަތްތަކެއްވެސް އޭނާ ކޮށްފައިވާކަމަށެވެ.

މި ތުހުމަތުތައް ޗައިނާއިން ދޮގުކުރަމުން ބުނީ ބޭރުގެ އެއްވެސް ޕާލަމެންޓެއްގައި "ނުފޫޒު ގަތުމުގެ" ބޭނުމެއް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ޔޫކޭގެ ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލްއާ ހަވާލާދީ ބޭރުމީޑީއާތަކުން ބުނެފައިވަނީ، ކްރިސްޓީން ލީއާ ގުޅޭ ތަހުގީގުތައް ހިނގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށާއި، އެހެންނަމަވެސް މިފަހަރު ޤާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް ހާމަކޮށްފައިވަނީ އާ ވާހަކަތަކެއް ކަމަށެވެ. އަދި މެމްބަރުންނަށް އެެލާޓް ފޮނުވިފައިއޮތުމުން އެކަމުގައި އިތުރަށް ސަމާލުވެތިބުމަށް މެމްބަރުންނަށް އެނގޭނެކަމަށެވެ. އަދި ކްރިސްޓީން ލީގެ ފަރާތުން އެއްވެސް މެމްބަރަކާ މުއާމަލާތްކުރުމަށް މަސައްކަތް ކުރާނަމަ އެކަން ވަގުތުން ޕާލިމެންޓްގެ ސެކިއުރިޓީ ހެޑް އަށް އެންގުމަށްވެސް މެމްބަރުންނަށް އަންގާފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ ކަމަށްވާ އެމްއައި15 އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ކްރިސްޓީން ލީ އަކީ ޗައިނީޒް ކޮމިއުނިސްޓް ޕާޓީގެ ޔުނައިޓެޑް ފްރޮންޓް ވޯކް ޑިޕާޓްމެންޓް (ޔޫއެފްޑަބްލިއުޑީ)އާ ގުޅިގެން އިނގިރޭސިވިލާތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ހަރަކާތްތަކުގައި ސިއްރުން ހަރަކާތްތެރިވަމުން އަންނަ މީހެކެވެ. 

އެމްއައި15 އާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި ކްރިސްޓީން ލީ އަކީ ވަކީލެއްކަމަށާއި، އަދި އޭނާގެ ލޯ ފާމްއަކީ ޗައިނާގައި ބޭރުގެ ލޯ ފާމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޗައިނާގެ މިނިސްޓްރީ އޮފް ޖަސްޓިސް އިން ހުއްދަ ދީފައިވާ "ފުރަތަމަ އަދި ހަމައެކަނި" ޔޫކޭ-ޗައިނީޒް ލޯ ފާމް ކަމަށެވެ. އަދި މީގެކުރިން އެކިފަހަރު މަތިން އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ އިސް މެމްބަރުންނާއެކު ކްރިސްޓީން ލީ ފެނިފައިވާ ކަމަށާއި، އަދި ބޮޑެތި އަދަދުތަކުން އެ މެމްބަރުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށްވެސް ބުނެފައިވެއެވެ.