Last Updated: January 28, 16:25
Friday, January 28, 2022
ޚަބަރު

ތިނަދޫ އާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި

ގދ. ތިނަދޫގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ތިނަދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ތިނަދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ރަސްމިއްޔާތުގައި އިމްރާން ދެއްކެވި ވާހަކަފުޅުގައި ތިނަދޫގެ ފުލުހުންގެ އައު އިމާރާތް އެޅުމުގެ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންގެ ދާހިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާންކަން ގާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ މުޅި މަސްރަހް މިއަދު ދަތުރުކުރަމުންދާ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކި ކުށްމަދު އަމާން މުޖުތަމައެއް ގާއިމް ކުރުން ކަމުގައި ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި ގޭންގް ހަދައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާއަކަށް ބަދަލުވެގެންދާނީ އެ ކުށްކުރާ ފަރާތްތަކަށް އެހީތެރިވާވުން ހުރިހާ ލެވެލްއެއްގައި ހުއްޓާލައިގެންކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުން ދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރަޓިކް ވެއްޓަކަށް އެކަށޭނެ އަދި ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުކުރުން ކަމުގައި ވިދާޅުވިއެވެ.

އެގޮތުން ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ގާއިމުކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމުގައި ވިދާޅުވިއެވެ