Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ފަތުހީގެ ކެމްޕޭނަށް ޔާމީން ފޯކައިދޫ އަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ށ.ފޯކައިދޫ އަށް ވަޑައިގެންފި އެވެ.

ޔާމީން ފޯކައިދޫ އަށް ވަޑައިގެންނެވީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑީގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އާދަމްގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުންނެވެ.

ފޯކައިދޫ އަށް ޔާމީން ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެ ރަށު ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ. ފޯކައިދޫގައި މިރޭ ފަތުހީގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި ޔާމީން ވަނީ ކޮމަންޑޫ އަދި މަރޮށްޓަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕޭނު ހަރަކާތެއްގައި ޔާމީން އިއްޔެ ފުނަދޫ އަށް ވެސް ވަޑައިގެންނެވި އެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސެއިން އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.