އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓު މިއަދު އަލުން ހުޅުވައިފި އެވެ.
މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކެނަރީފް ބަންދުކުރީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭގެ ސަބަބުން އެ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އައްޑޫގެ 200 އެއްހާ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިގެން ގޮސްފައެވެ.
ކެނަރީފުން ބުނީ ރިސޯޓު ހުޅުވަނީ 142 ކޮޓަރި އޮޕަރޭޝަނަށް ގެނެސްގެން ކަމަށާއި އެ 142 ކޮޓަރީގެ ތެރެއިން 140 ކޮޓަރި ރިސޯޓު ލައިފް ކުންފުނިން ގަނެފައިވާ ކަމަށެވެ.
ރިސޯޓު އަލުން ހުޅުވުމަށްޓަކާ ރިސޯޓު ލައިފް ޓްރެވެލްސް އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާޒްލީ ވަލީދު މުހިއްމު ރޯލެއް އަދާކުރި ކަމަށް ކެނަރީފުން ބުނެ އެވެ. އަދި ރިސޯޓު ހުޅުވުމަށް ސަރުކާރާއި ކަމާގުޅޭ އެހެން ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމަށް ކެނަރީފް އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކެނަރީފް ރިސޯޓުން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ރިސޯޓުގެ އެކި ޑިޕާޓްމެންޓުތަކަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކޮށްފަ އެވެ.
ކެނަރީފް މިއަދު އަލުން ހުޅުވިއިރު އައްޑޫގައި ހިންގަމުން އައި އެންމެ ބޮޑު ރިސޯޓު، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެ ރިސޯޓު ހުޅުވޭނެ ތާރީހެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.