Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

ފޯކަސް ހުރީ އިންޑިއާ އައުޓަށް، ރިޔާސީ އިންތިހާބަކަށް ނޫން: ޔާމީން

ރިޔާސީ އިންތިހާބަށް ފޯކަސް ކުރުމަށް ވުރެ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގެ މަސައްކަތް މާ މުހިއްމު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް އިއްޔެ ފޯކައިދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބާއި ދެން ހުރި ކަންކަމުގެ ވާހަކަ ދެއްކުން މުހިއްމީ ކޮމަންޑޫ ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރުމަށްފަހު ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިއަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލަ އަންނަ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ކުރިއަށް މި އަންނަ މައްސަލަ އަކީ އިންޑިއާގެ އަސްކަރިއްޔާ މިތާ ތިބޭ ތިބުމަށް އަޅުގަނޑުމެން ކުރާ ޖިހާދު. އެ މަސައްކަތް އަޅުގަނޑުމެންނަށް މާ މުހިއްމު ރިޔާސީ އިންތިހާބަށް ފޯކަސް ކުރުމަށް ވުރެ" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބޭރުގެ ބައެއްގެ އިސްތިއުމާރީ ބާރެއްގެ ދަށުގައި ތިބެން ގަބޫލު ނުވާނެ ކަމަށާއި މިއީ ޒުވާނުންގެ ކެރުންތެރިކަން ދައްކަންވީ ވަގުތު ކަމަށެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޒުވާނުންގެ ހިތްވަރާއި ޒުވާނުން ތިބި ގޮތް ސަރުކާރަށް ދައްކަންޖެހޭ ކަމަށާއި މިއީ ގޮނޑިއެއް ނެގުމަށްޓަކާ އެންމެ ބުރަކޮށް އިންތިހާބަކަށް މަސައްކަތްކުރާ އިންތިހާބު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ކޮމަންޑޫ ދާއިރާގެ އިންތިހާބު ކޮންމެ ގޮތަކަށް ނިމިގެންދިޔަ ނަމަވެސް އެ ދާއިރާގެ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމުގައި ޕީޕީއެމް ބީރަށްޓެހި ބަޔަކަށް ނުވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.