Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ހިރިމަރަދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

ހދ.ހިރިމަރަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެކު އިސްލާޟިކް މިނިސްޓްރީ އިން ސޮއިކޮށްފި އެވެ.

އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިސްމާޢިލް ޖަލީލެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

365 ދުވަސްތެރޭގައި ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ލަފާކުރާ ތާރީޚަކީ 17 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތުން 8.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް ޢިމާރާތް ކުރަން ނިންމީ މިވަގުތު ހިރިމަރަދޫގައި ހުރި މިސްކިތުގެ ޖާގަ ކުޑަވެފައިވާތީ، އާ މިސްކިތަކަށް ބޭނުން ޖެހިފައި ވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.