Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ސަރުކާރުން ކޮރަޕްޝަން ހިންގާނަމަ ގޮނޑިން އިސްތިއުފާ ދޭނަން

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވިޔަސް ސަރުކާރުން ކޮރަޕްޝަން ހިންގާނަމަ ގޮނޑިން އިސްތިއުފާ ދެއްވާނެ ކަމަށް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ކޮމަންޑޫ ދާއިރާގެ ބަހުސްގައި ވާހަކަދައްކަމުން ރާޝިދު ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް އިންތިހާ އަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ވުޒާރާތަކަށް ސަރުކާރުން ދީފައިވާ ކަމަށެވެ. ނަމަވެސް އެ ވުޒާރާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާނަމަ އެ މަގާމުތަކުގައި އެމީހުން ބައިތިއްބަން ތާއީދު ނުކުރައްވާނެ ކަމަށް ރާޝިދު ވިދާޅުވި އެވެ.

ރާޝިދު ވިދާޅުވީ މިދިޔަ ސަރުކާރަކީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި އޮތް ސަރުކާރެއް ކަމަށާއި އެ ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން މިއަދު ކޮރަޕްޝަންގެ ވާހަކަ ދައްކާތީ ހިތާމަކުރާ ކަމަށެވެ. އަދި ކޮރަޕްޝަންގެ ހާއްޔަކަށް ގައުމު ވެގެެންދިޔަ އިރު ފިނި ކޮޓަރީގައި ތިއްބަވައިގެން އެ ދުވަހު ތިބީ އަތްޖަހަން ކަމަށްވެސް ރާޝިދު ވިދާޅުވި އެވެ.

"އަޅުގަނޑު މަޖިލީހުގެ ގޮނޑީގައި އިންނައިރު އަޅުގަނޑުމެންގެ ސަރުކާރުން އިންތިހާއަށް ކޮރަޕްޝަން ހިންގާނަމަ އަޅުގަނޑު އެ ގޮނޑިއަކު ނީންނާނަން. އެކަން އިސްލާހު ނުކުރެވިއްޖެނަމަ އަޅުގަނޑު އިސްތިއުފާދޭނަން" ރާޝިދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މި ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.