އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް އަންނަ މަހު އޮސްޓްރޭލިއާގެ ޓުއާއަކަށް ދާން ތައްޔާރުވަމުން ދަނިކޮށް ވެކްސިނާ ހެދި އޭނާ އަށް އެ ގައުމުގައި ޕަފޯމްކުރުމުގެ ފުރުސަތު ލިބިދާނެކަމާ ދޭތެރޭ ސުވާލު އުފެއްދިއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝިއަންގެ ދަރިންގެ ބައްޕަ އަކީ ވެކްސިނާ ދެކޮޅު ފިކުރުގެ މީހެކެވެ. އެހެންވެ ކަންޔޭ، 44، މިހާތަނަށް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ވެސް ފުރިހަމަކޮށްފައެއް ނުވެ އެވެ. މި ސަބަބާ ހުރެ އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ ކަންޔޭ އަށް އިންޒާރު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ގައުމަށް އެތެރެވެ، ހަރަކާތްތައް ހިންގޭނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ނަމަ ކަމަށެވެ.
"މި އުސޫލަކީ ވަކި މީހަކަށް އޮތް ކަމެއް ނޫން. އެހެންވެ ވެކްސިނާ ގުޅޭ އުސޫލުތަކަށް އަމަލުކުރުމުގައި އަހަރެމެން ވަކި މީހަކަށް ނުބަލާނަން. އުސޫލު ކޮންމެ މީހެއްގެ މައްޗަށް ވެސް ހިނގާނެ." ބޮޑުވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާ އިން ގެންގުޅޭ ވެކްސިންގެ އުސޫލަށް ތަބާނުވާ މީހަކަށް އެ ގައުމަށް އެތެރެވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
ބާވީސް ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ކަންޔޭގެ އޮސްޓްރޭލިއާގެ ޓުއާ އަށް ކުޑަތަންވަމުން އަންނަ އިރު، ބޮޑުވަޒީރު ދެއްވި އިންޒާރާ ގުޅިގެން ކަންޔޭގެ ފަރާތުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ފަހުން އޮސްޓްރޭލިއާގައި ވެކްސިންގެ މައްސަލާގައި އެންމެ ބޮޑަށް ހޫނުވި އެއް މައްސަލަ އަކީ ސާބިއާގެ ޓެނިސް ތަރި ނޯވަކް ޖޮކޮވިޗްގެ މައްސަލަގަނޑެވެ.