Last Updated: May 15, 10:04
Thursday, May 15, 2025
ޚަބަރު

މަންޓާ އެއާގެ އައްޑޫ އަގުތައް އަންނަ ހަފުތާގައި

މަންޓާ އެއާގެ ބޯޓެއް ގަން އެއާޕޯޓްގައި.

މަންޓާ އެއާގެ ދަތުރުތައް މި މަހު އައްޑު އަށް ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، އަންނަ ހަފުތާގެ ތެރޭގައި ޓިކެޓް ވިއްކާ އަގުތައް އިއުލާންކުރާނެ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

މަންޓާ އެއާގެ ދަތުރުތައް އައްޑު އަށް ފަށަން މިހާރު ރޭވިފައި އޮތީ މި މަހުގެ 20 ގަ އެވެ.

މިކަމާ ބެހޭ ގޮތުން އެ އެއާލައިންގެ މެނޭޖަ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މޫބީން ޖަލީލު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި އަގުތައް އިއުލާންކުރާ އިރު، މަންޓާ އެއާގެ ހިދުމަތަކީ މި ވަގުތު ޑޮމެސްޓިކް އެއާލައިނަކުން ލިބޭނެ އެންމެ ރަނގަޅު ހިދުމަތް ލިބޭނެ އެއާލައިން ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަންނަ ހަފުތާގެ ތެރޭގައި އަގުތައް އިއުލާންކުރަން. ޔަގީންކަން ދެވޭނެ ކަމަކީ ހިދުމަތްތައް ހަމަ ވަރަށް ފުރިހަމަ ވާނެކަން،" މިހާރު ގަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ކުރާ ދަތުތުރަކަށް ވުރެ އަގު ހެޔޮވާނެތޯ ސުވާުލުކުރުމުން އޭނާ ވިދާޅުވި އެވެ. "އަދި މަންޓާ އިން ލިބޭނެ އެއް ލުޔަކަށް ވާނެ ޓިކެޓްގެ ތާރިހު ބަދަލުކުރަން ޖެހުނަސް އެއްވެސް ފީއަކާ ނުލައި އެކަން ކުރެވުން."

މޫބީން ވިދާޅުވީ ގޮތުގައި ކުރިން އަމާޒުހިފީ މި މަހުގެ 15 ގައި ދަތުރުތައް ފެށޭތޯ އެވެ. އެކަމަކު ސިވިލް އޭވިޝަން ލިބެން ޖެހޭ ހުއްދަތައް ލިބުމުގައި ލަސްތަކެއް އުޅޭތީ މިހާރު އެންމެ ލަސްވެގެން ވެސް 20 ގައި ޝެޑިއުލް ދަތުރުތައް ގަން އެއާޕޯޓަށް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

"ފަހަރުގައި ހަމަ އެއަށް ވުރެ އަވަސް ވެސް ވެދާނެ." އޭނާ ވިދާޅުވި އެވެެ.

މަންޓާ އިން ބުނި ގޮތުގައި އައްޑު އަށް ދަތުރުތައް ފަށަން ނިންމީ އާންމުންގެ ފަރާތުން ލިބެމުން އަންނަ ރިކްއެސްޓްތަކާ ވެސް ހެދި އެވެ. އަދި ޑޮމެސްޓިކް ދަތުރުތައް އިތުރުކުރުމަކީ އެ އެއާލައިނުން ވެސް ވަރަށް ބޭނުންވާ ކަމަކަށްވެފައި އަައްޑޫ ކަހަލަ ބޮޑު އާބާދީއެއް އޮތް ތަނަކަށް އުދެހެން ފެށުމަކީ ޑިމާންޑް އޮންނާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"މި ދޭތެރޭ އަޅުގަނޑުމެން މޯލްޑިއަވިއަނުން އެދިގެން އައްޑު އަށް ޗާޓަރުތަކެއް އެޅީމަ އެކަން ތަޖުރިބާކުރި މީހުންނަށް ހިދުމަތް ވަރަށް ރަނގަޅުވެގެން ވަރަށް ގިނަ ފީޑްބެކްތަކެއް ވެސް އައި. އަދި މަންޓާގެ ޝެޑިއުލް ދަތުރައް އައްޑު އަށް ބޭއްވުމަށް ރިޕީޓްކޮށް ރިކްއެސްޓް އަންނާތިއާ އެކު ބޭނުންވީ ތަޖުރިބާ ވެސް ކޮށްލަން ކިހިނެއްތޯ ވަނީ ދަތުރުތައް ފެށީމަ،" މޫބީން ވިދާޅުވި އެވެ. "ފުރަތަަމަ ނިންމާފައި އޮތީ ދުވާލަކު ދަތުރެއް ބާއްވަން. އެހެން ވިޔަސް ޑިމާންޑަށް ބަލާފައި އަޅުގަނޑުމެން ދަތުރުތައް އިތުރުކުރަން ޖެހޭ ނަމަ އެކަން ކުރާނަން."

އޭނާ ވިދާޅުވީ މަންޓާ އަށް އައްޑޫ އަށް ކުރާ ދަތުރުތަކުގެ ތެރެއިން ހޮނިހިރު ދުވަހު ބާއްވާ ދަތުރު ދިމާކުރާނީ މިހާރު ގަމަށްއެ ދުވަހު ބާއްވާ ސްރީ ލަންކަން އެއާލައިންސްގެ ދަތުރާ ދިމާވާ ގޮތަށެވެ. އެގޮތަށް ހަމަޖެއްސުމުން ހުވަދު އަތޮޅުގެ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންނަށް ފަސޭހަ އިން ދަތުރުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ހޮނިހިރު ނޫނީ އެހެން ހުރިހާ ދުވަހެއްގައި ހަމަ ސީދާ ދަތުރުތަކެއް މާލެ އިން ގަމަށް އަދި ގަމުން މާލެ އަށް ބާއްވާނީ. އަޅުގަނޑުމެން ގަބޫލުކުރަނީ މިގޮތަށް ދަތުރުތައް ރޭވީމަ ގަމަށް އަޅަން ޖެހޭ ފްލައިޓްތައް ވެސް އިތުރުވާން ފަށާނެ ކަމަށް،" މޫބިން ވިދާޅުވި އެވެ. "އޭރުން ޑީމާންޑް އަންނަ ވަރަކުން މަންޓާގެ ދަތުރުތައް ގަމަށް އިތުރު ވެސް ކުރުމުގެ ފުރުސަތު އޮންނާނެ. ހަގީގަތުގައި މި ގޮތަށް ކަނެކްޓިވިޓީ ހަމަޖެހުނީމަ ގަން އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ވެސް ކުރިއެރުން އަންނާނެ."

ދެހާސް ނަވާރައިގައި އުދުހެން ފެށި މަންޓާ އެއާ އިން މި ވަގުތު ދަތުރުތައް ބާއްވަނީ ބ. ދަރަވަންދު އާއި ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ.