Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ޖޭއެސްސީ އެކުލެވޭ ގޮތް އިސްލާހު ކުރުމުގެ ބަހުސް ފަށައިފި

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް - ފޮޓޯ: މަޖިލިސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް އިސްލާހު ކުރުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

ތޯރިގްގެ އިސްލާހުގެ ޖޭއެސްސީ އެކުލެވިގެންވަނީ ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް، ވަކީލުންގެ ތެރެއިން އިންތިހާބުކުރާ އަންހެން ވަކީލެއް، ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ތައުލީމީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެކެވެ.

މި އިސްލާހާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ، އެކިފަހަރު ޖޭއެސްސީއަށް އެކި ގޮތްގޮތުން ނުފޫޒު ވަންނައިރު، ބައެއް ވެެރިކަމުގައި ބަންޑާރަނައިބުގެ ފަރާތުން ވަންނަ ނުފޫޒު ބޮޑު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަށް ވުރެ ބަންޑާރަނައިބުގެ ނުފޫޒު ޖޭއެސްސީގެ ތެރޭގައި ބާރުގަދަވެ ސަރުކާރުން ބޭނުންވާ ގޮތަށް ޖޭއެސްސީ ހިނގަމުންދާކަން މީގެކުރިން ފެނިގެން ގޮސްފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް ތޯރިގް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާއިރު، ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. މީގެކުރިން ރައީސް އޮފީހުގެ ފަރާތުން މިކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ މިދައުރު ނިމުމުގެ ކުރިން ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރާނެކަމަށެވެ.