Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

"މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު" ހުށަހަޅައިފި

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ޖަލު އަދަބުތަކާއި ބޮޑެތި ޖުރިމަނާތައް ހިމެނޭ ގޮތަށް، "މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ބިލު ހުށަހެޅި ބޭނުމެއްގެ ގޮތުން ބުނެފައިވަނީ، ޤާނޫނުއަސާސީއާއި ޤަނޫނުތަކުގެ ދަށުން މާލީ ބަޔާން ހުށަހަޅަން ޖެހޭ މީހުންނާއި، ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކޮށް އެއް ހަމަކޮށް، ދެފުށްފެންނަ ގޮތަކަށް މާލީ ބަޔާން ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމުކުރުން ކަމަށެވެ.

މި ބިލުގެ މަގުސަދުތަކުގެ ގޮތުގައި ބުނެފައިވަނީ، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކާއި ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު ކަނޑައެޅުމާއި، ބަޔާން ހުށަހެޅުމާއި ބަލައިގަތުމުގެ ނިޒާމެއް ޤާއިމުކުރުމާއި، ބަޔާނުގައި ހިމެނޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި، ތިން ވަނަ ފަރާތްތަކުން މައުލޫމާތު ސާފުކުރުމާއި ބަޔާނަކާ ގުޅިގެން ހުށަހަޅާ ޝަކުވާތައް ބެލުމާއި އެ ބަޔާންތަކުގައި ހިމެނޭ މައުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމާއި، ދައުލަތުގެ މަގާމުތައް އަދާކުރާ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ކަންކަން ދެނެގަނެ މަސްލަހަތު ފުށުއެރުން ހުއްޓުވުމާއި، ބަޔާން ހުށަހަޅުމުގެ ނިޒާމާއި، ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކާއި ހުށަހަޅާ ބަޔާނުގައި ހިމެނޭ މައުލޫމާތާއި މިޤާނޫނުގައި ބަޔާންކޮށްފައިވާ އެހެނިގެން މައުލޫމާތު އާންމުކޮށް ޝާއިއުކުރުމުގެ އިތުރުން މި ޤާނޫނުގެ ދަށުން މަސްއޫލު އިދާރާތައް ކަނޑައެޅުމާއި، މި ޤާނޫނުގައިވާ މަސްއޫލިޔަތުތައް އަދާކުރުމުގައި މަސްއޫލު އިދާރާއިން އެއް ހަމައަކުން އަމަލުކުރާނެ ނިޒާމެއް އެކަށައެޅުންކަމަށެވެ.

މި ބިލުގައިވަނީ މާލީ ބަޔާންތައް ހުށަހަޅާ ފަރާތްތަކުން ބަޔާން ހުށަހަޅަންޖެހޭނެ މަސްއޫލު އިދާރާތައް ކަނޑައަޅާފައެވެ. އަދި މަސްއޫލު އިދާރާގެ ބާރުތަކާއި މަސްއޫލިޔަތުތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރާ މިނިވަން މުއައްސަސާގެ ބާރުތަކާއި މައްސޫލިޔަތުތައް ބަޔާންކޮށްފައިވާއިރު، ބަޔާންތައް ހުށަހަޅަންޖެހޭ ފަރާތްތަކުން ބަޔާން ހުށަހަޅަންޖެހޭނެ ވަގުތާއި ބަޔާންތަކުގައި ހުންނަންޖެހޭނެ މައުލޫމާތުތައް މި ބިލުގައި ހިމަނާފައިވެއެވެ. އަދި ބަޔާނުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމާއި އެ ބަޔާނާ ގުޅިގެން ތިންވަނަ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނެ ގޮތްތައް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މި ބިލުގައިވާގޮތުން ބިލުގައި ބަޔާންކޮށްފައިވާ ސުންގަޑި ހަމަވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ބަޔާން ހުށަހަޅާ ފަރާތްތައް، ބަޔާން ހުށަހެޅުން ލަސްވި މުއްދަތާއި ސަބަބަށް ރިއާޔަތްކޮށް، ގިނަވެގެން 100،000 ރުފިޔާއިން ޖުރިމަނާ ކުރަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރުކުރާނަމަ ގިނަވެގެން 500،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ސުންގަނޑި ހަމަވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ވެސް ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތައް، ބަޔާން ހުށަހެޅުން ލަސްވި މުއްދަތާއި ސަބަބަށް ރިއާޔަތްކޮށް ގިނަވެގެން 500،000 ރުފިޔާއިން ޖުރިމަނާ ކުރަންޖެހޭނެ ކަމަށެވެ.

އީވާ ހުށަހަޅާފައިވާ ބިލުގައި އިތުރަށް ބުނެފައިވަނީ، ހުށަހަޅާ ބަޔާނެއްގައި ތެދު ނޫން މައުލޫމާތެއް ހިމަނައިފިނަމަ، ނުވަތަ މައުލޫމާތު ފުރިހަމައަށް ހިމަނާފައިނުވާނަމަ، ކަމުގެ ކުޑަބޮޑުމިނަށް ބަލާ، އެކަމެއް ކުރާ ފަރާތެއް ގިނަވެގެން 500،000 ރުފިޔާއިން ޖުރިމަނާ ކުރަންވާނެކަމަށެވެެ. އަދި މިފަދަ ކަމެއް ކުރާ މީހާ ކުރަނީ ކުށެއް ކަމަށާއި، އެ ކުށުގެ އަދަބަކީ ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށްލުމާއެކު އެ ކުށްކުރާ މީހަކު ހުރި ދައުލަތުގެ މަގާމަކުން އެމީހަކު ވަކިކުރުން ކަމަށެވެ.

މީގެއިތުރުން މިބިލުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ބަޔާނެއްގައި ހިމެނޭ ނުވަތަ ސިއްރު ޝަކުވާއަކާ ގުޅޭ މައުލޫމާތެއް އާންމުކޮށް ޝާއިއުކޮށްފިނަމަ ނުވަތަ ހާމަކޮށްފިނަމަ، ނުވަތަ މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ބަޔާނެއް ނައްތާލައިފިނަމަ، އެކަމެއް ކުރާ މީހަކު ކުރަނީ ކުށެއް ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރު ދުވަހަށް ޖަލަށްލުމާއެކު ގިނަވެގެން 100،000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި މިބިލުގައި ވަކި މުއްދަތެއްގައި ދެއްކުމަށް ބަޔާންކުރާ ޖުރިމަނާއެއް އެ މުއްދަތުގައި ނުދެއްކުމަކީ ޖުރިމަނާ ދައްކަންޖެހޭ ފަރާތުން ކުރާ ކުށެއް ކަމަށާއި، އަދި މިކުށުގެ އަދަބަކީ ގިނަވެގެން އެއް އަހަރު ދުވަހަށް ޖަލަށްލުން ކަމަށެވެ. މިކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރާ މިނިވަން މުއައްސަސާއިން ނުވަތަ މަސްއޫލު އިދާރާއިން ޕީޖީއަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.