Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ކޮވިޑް ކުއްލި ހާލަތަކީ މިހާރު ޖޯކެއް، މާސްކް އެޅުން ހުއްޓާލަން ޖެހޭ: އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް ކުއްލި ހާލަތަކީ މިހާރު ބޮޑު ޖޯކެއް ކަމަށާއި، މާސްކް އެޅުން ހުއްޓާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު މަދަރުސަތުލް އިފްތިތާހުގެ ކިޔެވުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ ތައުލީމީ ދާއިރާއަށް މިވަގުތު އެޅޭ އެންމެބޮޑު ހުރަހަކީ ކޮވިޑް-19 ގެ ހުރަސް ކަމަށާއި އެ ހުރަހުން އަރައިގަންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނަތާ ދެ އަހަރުވަނީކަން ފާހަގަކޮށް އަލީ އާޒިމް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިދެން ބޮޑު ޖޯކެއް އަނެއްހެން ބަލާއިރުގަ. އެތައް ގާނޫނުތަކެއް ސަސްޕެންޑްވެފައި އެބަހުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން." އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ ކޮވިޑާ ގުޅިގެން މިހާ ދިގުކޮށް ކުއްލި ހާލަތު އިއުލާނުކޮށްފައިވަނީ އެހެން ކޮންގައުމަކުންތޯ ސުވާލުކުރަންޖެހޭ ކަމަށެވެ.

ނިއުނޯމަލްގައި އުޅެންޖެހޭ ހާލަތު މިއަދު އައިސްފައިވާކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ "މާސްކް އެޅުން ހުއްޓާލަންޖެހޭ" ކަމަށެވެ.

ކޮވިޑާ ގުޅިގެން ތައުލީމަށް ބޮޑެތި ހުރަސްތަކެއް ހުރިކަމަށާއި ފާއިތުވި ދެ އަހަރަކީ ކިޔަވައިނުދޭ ދެއަހަރޭ ބުނުން ކުށަކަށް ނުވާނެކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

"ކޮވިޑްގެ މި މާފިއާ ވިޔަފާރީގެ ސަބަބުން އަޅުގަނޑުމެންގެ މި ދަރިވަރުންނަށް އެޅިފައިވާ ހުރަސް މިހާރު އެބަޖެހޭ ސަރުކާރުން ނައްތާލަން. މާސްކް އެޅުން ހުއްޓާލަން އެބަޖެހޭ. ދެ ޑޯޒް 80 ޕަސެންޓަށް ވުރެއް ގިނަ ރައްޔިތުންނަށް ވަނީ ދެވިފައި. ބޫސްޓަރ ޑޯޒް ދެވިއްޖެ. އަޅުގަނޑުމެން ނިއު ނޯމަލްގައި އުޅެން ފަށަން ޖެހިއްޖެ." އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް މިއަދު ވަނީ ކޮވިޑް ނިމިއްޖެ ކަމަށް މަޖިލީހުން ސަރުކާރަށް ގޮވާލަންޖެހޭކަމަަށް ވިދާޅުވެފައެވެ.

އެމްޑިޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ އިންތިހާބުން ބަލިވިފަހުން އަލީ އާޒިމް އަންނަނީ ސަރުކާރުގެ ކަންކަންމަށް އަދި ރައީސް ސޯލިހަށްވެސް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ބޯހިޔާވަހިިމުގެ މައްސަލައިގައިވެސް އަލީ އާޒިމް ރައިސް ސޯލިހަށް ފާޑުވިދާޅުވެފައިވެއެވެ.