ނެޓްފްލިކްސްގެ ކާމިޔާބު ސީރީޒް "އޮޒާކް" ގެ ހަތަރު ވަނަ އަދި ފަހު ސީޒަން ކުރިން ހީކުރި ވަރަށް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދީ، ނިންމާލައިން އުޅޭކަން އިއުލާންކޮށްފި އެވެ.
އިއްޔެ އިއުލާންކުރި ގޮތުގައި ހަތަރު ވަނަ ސީޒަންގެ ޕާޓް ޓޫގެ އެންމެ ފަހުގެ އެޕިސޯޑްތައް ސްޓްރީމްކުރާނީ އަންނަ އެޕްރީލް މަހުގެ 29 ގަ އެވެ. އެ ތާރީހާ އެކު މިހާތު ވަނީ އެ ޕާޓް ދޭއްގެ ޓްރެއިލާ ވެސް އާންމުކޮށްފަ އެވެ. "އޮޒާކް" ގެ ހަތަރު ވަނަ ސީޒަންގެ ޕާޓް ވަން ގެނެސްދިނީ މިދިޔަ މަހުގެ 21 ގަ އެވެ. އެ ބަޔާ އެއްގޮތަށް ދެވަނަ ބައިގައި ވެސް ހިމެނޭނީ ހަތް އެޕިސޯޑެވެ.
ނެޓްފްލިކްސް އިން 2017 ގައި ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭން ފެށި "އޮޒާކް" ނިންމައިލާ އިރު، ބެލުންތެރިންނަށް އޮންނާނީ ޖުމްލަ 44 އެޕިސޯޑް ގެނެސްދެވިފަ އެވެ. މީގެ ފުރަތަމަ ދެ ސީޒަނަށް ބަލާ އިރު ކޮންމެ ސީޒަނެއްގައި ހިމެނުނީ 10 އެޕިސޯޑެވެ.
ބޮޑު ކާސްޓަކާ އެކު ގެނެސްދޭ "އޮޒާކް" ގެ މޭސްތިރިންނަކީ ބިލް ޑިބީކް އާއި މާކް ވިލިއަމްސް އެވެ.