ގަން އެއާޕޯޓަށް ސްރީ ލަންކަން އެއާލައިންސުން ދަތުރުތައް ފެށި ފަހުން ފާއިތުވި މުއްދަތުގެ ތެރޭގައި އޭގެ ދަތުރުތަކާ ދިމާކޮށް މަންޓާ އެއާ މެދުވެރިކޮށް ހުވަދު އަތޮޅަށް ކަނެކްޓިވިޓީ ލިބޭ ގޮތްވުމަކިީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވެއްޖެ އެވެ.
ގަމަށް އިއްޔެ މަންޓާގެ ޝެޑިއުލް ދަތުރުތައް ފެށުމާ ގުޅިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އެކަމަކީ ވަރަށް ކުރީއްސުރެ ގައުމީ އެއާލައިނާ ވެސް ވާހަކަ ދައްކައިގެން ކުރަން ބޭނުންވެ މިހާތަނަށް ނުކުރެވިފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް ޕްރައިވެޓް އެއާ ލައިނަކުން ފެށި ދަތުރުތަކާ ދިމާކޮށް ގަމާއި ކޫއްޑޫ ގުޅައިލެވުމަކީ ހަމަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ގައިސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަބަދު ވެސް ވިސްނުމަކީ ސައުތު ރީޖަންގެ އެއާޕޯޓްސްތަކަށް ޑޮމެސްޓިކުން ފްލައިޓްތަކުން ކަނެކްޓްކުރުމުގެ ވިސްނުން. މޯލްޑިވިއަނުން ވެސް އިތުރު އެހެން ޑޮމެސްޓިކް އެއާލައިންތަކުގައި ވެސް އަޅުގަނޑުމެން އެދެމުން އައިސްފައިވޭ މިކަން ކުރަން،" އޭނާ ވިދާޅުވި އެވެ. "މަންޓާ އިން މި ފެށި ފްލައިޓްތަކާ އެއްކޮށް އަޅުގަނޑުމެންގެ މި ވަގުތު ހަމައެކަނި އިންޓަނޭޝަނަލް ފްލައިޓް ސްރީ ލަންކަންގެ ފްލައިޓާ ކޫއްޑުއާ އެބަ ގުޅާލެވޭ ވަރަށް ފަސޭހަ ގޮތަކަށް. އެހެންވީމަ މިއީ އިންޓަނޭޝަނަލް އޮޕަރޭޝަންސް ފެށި ފަހުން މިދިޔަ އަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް."
ގައިސް ވިދާޅުވި ގޮތުގައި ގަން އެއާޕޯޓަށް މިކަމަކީ ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެކެވެ. އެހެންވެ މީގެ ސަބަބުން މުޅި ދެކުނުގެ ޓޫރިޒަމަށް ފެސިލިޓީތަކަށް ދަތުރުކުރުމުގައި ޓޫރިސްޓުން ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ އެވެ.
"އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރަހައްދުގައި ދެން ހިމެނޭ އެގެން އެއާޕޯޓްތަކަޑް ވެސް އަަޅުގަނޑުމެންނަށް ޑޮމެސްޓިކް އެެއާލައިންތަކުން ކަނެކްޓިވިޓީ [ކުރިއަށް އޮތް ތަނުގައި] ލިބިގެން ދާނެ،" ގައިސް ވިދާޅުވި އެވެ. "އެއީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ކަމެއް."
މަންޓާ އިން ހުވަދު އަތޮޅަށް ކަނެކްޓިވިޓީ ދޭން އެއްބަސްވުމާ ގުޅިގެން ސްރީ ލަންކަން އެއާލައިންސް އާއި އޭގެ ރާއްޖޭގެ އޭޖެންޓް، އޭސް ޓްރެވެލް އިން އެ އެއާލައިނަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފައިވެ އެެވެ. މިހާރު ގަމަށް ސްރީ ލަންކަން އިން ދަތުރުކުރަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރުގައި އެކަންޏެވެ.
ނަމަވެސް މަންޓާ އެއާގެ ދަތުރުތައް ފަށައި، ހުވަދު އަށް ކަނެކްޓިވިޓީ ދޭން ނިންމުމާ ގުޅިގެން އަންނަ މަހުގެ 29 އިން ފެށިގެން ގަމަށް ސްރީ ލަންކަން ކުރާ ދަތުރު ދޭކަށް އިތުރުވާނެ އެވެ.