Last Updated: March 28, 14:17
Thursday, March 28, 2024
ކުޅިވަރު

އައްޑޫ ސިޓީ ފުޓުބޯޅަ ލީގްގެ ފިކުރު

ކުރިއަރާފައިވާ އެހެން ގައުމުތަކެކޭވެސް އެއްފަދައިން، ރާއްޖޭގައިވެސް، މުޅިޤައުމު ތަމްސީލްކުރާ ގައުމީ ފުޓުބޯޅަ ލީގެއް ގާއިމްކުރަމުންދާ ދުވަސްވަރެއްގައި، ދެވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވާ އައްޑޫ ސިޓީގެ ކްލަބެއް ގައުމީ ލީގްގައި އޮތުމަކީ އައްޑޫ ސިޓީގެ ފުޓުބޯޅަސަޕޯޓަރުންގެ މަސްލަހަތު އޮތްކަމަކަށްވާނެއެވެ.

ރާއްޖެތެރެއަށް ވަކި ފުޓުބޯޅަ މުބާރާތެއް ޚާއްސަކުރެވިފައި އޮތްއޮތުން ނިމުމަކަށްގެނެސް، މިއަހަރުން ފެށިގެން ކުޅެން ހަމަޖައްސާފައިވާ ދިވެހި ޕްރެމިއަރލީގް ކޮލިފިކޭޝަން އަކީ "ޖަޒީރާ ލީގް" ގެ މަފްހޫމްގެދަށުން، ސަރުކާރުގެ ސްޓްރޭޓީޖިކް އެކްޝަން ޕްލޭން (SAP ) އާއި އެއްގޮތަށްް، ރާއްޖޭގައި އުފަންކުރަން ކަނަޑައަޅާފައިވާ ހޯމް އެންޑް އަވޭ ޤައުމީ ލީގްގެ ފެށުމެވެ. ޕްރެމިއަރ ލީގް ކޮލިފިކޭޝަން މެޗްތައް ކުޅެން އެފް.އޭ.އެމް. އިން އެކުލަވާލައިފައިވާ އައު ފޯމެޓް ގެދަށުން ރާއްޖެ ވަނީ ހަތަރު ޒޯނަކަށް ބަހާލައިފައެވެ. ބަހާލާފައިވާގޮތް ތިރީގައި އެވަނީއެވެ.

ޒޯން-1. ނޯތު ލީގަށް 1 ޖާގަ (އުތުރުގެ 5 އަތޮޅު)

ޒޯން-2. ސެންޓްރަލް ލީގަށް 1 ޖާގަ (މެދު ރާއްޖެތެރޭގެ 9 އަތޮޅު)

ޒޯން-3. ސައުތު ލީގަށް 1 ޖާގަ (ދެކުނުގެ 6 އަތޮޅު)

ޒޯން-4. މާލޭ ލީގަށް 9 ޖާގަ (ގްރޭޓަރ މާލެ)

އައްޑޫ ސިޓީ ހިމެނެނީ ޒޯން 3 ގައެވެ. އެއީ ތ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅު ހިމެނޭގޮތަށެވެ. "ސައުތު ލީގް" ގެނަމުން ނަންދީފައިވާ މިޒޯނުން ބައިވެރިވީ 25 ކްލަބެވެ. އެއީ ތ. އަތޮޅުން 6 ކްލަބާއި، ލ. އަތޮޅުން 9 ކްލަބާއި، ގއ. އަތޮޅުން 2 ކްލަބާއި، ގދ. އިން 2 ކްލަބް، އައްޑޫ ސިޓީން 6 ކްލަބެވެ. ސައުތު ޒޯނަކީ އެންމެ ގިނަ ކްލަބް ބައިވެރިވިޒޯންވެސް މެއެވެ. ތިރީގައި އެވަނީ އައްޑޫ ސިޓީ ހިމެނޭ ޒޯން ގެ ކްލަބްތަކުގެ ލިސްޓެވެ.

ދިވެހި ޕްރެމިއަރލީގް

އައު ފޯމެޓްގެ ދަށުން ދިވެހި ޕްރެމިއަރލީގް އެކުލެވިގެންވަނީ 12 ކްލަބްގެމައްޗަށެވެ. މި ބާރަކްލަބްގެތެރެއިން 8 ކްލަބް މިހާރުވަނީ ކަނޑައަޅާފައެވެ. އެއީ ޒޯން-4، ނުވަތަ ގްރޭޓަރ މާލޭގެ އެއްވަނަ ޑިވިޒަންގެ އެންމެ މޮޅު އަށް ކްލަބެވެ. 9 ވަނަ ކްލަބެއްގޮތުގައި ކަނޑައަޅާފައިވަނީ ގްރޭޓަރ މާލޭގެ ދެވަނަޑިވިޒަނުން ހޮވޭ ޗެމްޕިޔަން ކްލަބެވެ. ޕްރެމިއަރލީގްގައި ބާކީއޮތް 3 ޖާގަ ދެނީ ތިންޒޯނަށެވެ. އައްޑޫ ސިޓީއަށް ޖާގައެއްލިބެން އަންނަނީ ޒޯން-3. ގެ 25 ކްލަބްގެތެރެއިން އެންމެ މޮޅު ކްލަބަކަށް އައްޑޫ ސިޓީގެ ކްލަބެއް ހޮވިގެންނެވެ. މިސަބަބުތަކަށްޓަކާ މިމުބާރާތަކީ އައްޑޫ ސިޓީގެ ފުޓުބޯޅަ ކްލަބްތަކަށް ވަރަށް މުހިންމު މުބާރާތަކަށްވާނެއެވެ. ވާދަކުރަން މިޖެހެނީ ޒޯން ތިނެއްގައި ބައިވެރިވި ތ، ލ، ގއ، އަދި ގދ ގެ ކްލަބްތަކާއެވެ.

މިއަހަރުގެ ޕްރެމިއަރލީގް ކޮލިފިކޭޝަންއަކީ ކުރިއަށްއޮތް 2022-2023 ގެ ސީޒަންގައި ދިވެހި ޕްރެމިއަރލީގެގެ ބާކީ އޮތް 3 ޖާގައަށް ކްލަބް ހަމަކުރާ މުބާރާތެވެ. މިއީ އައު ކަމަކަށް ވަނީ ކީއްވެތޯ ބަލާލަމާތޯއެވެ!

ޕްރެމިއަރ ލީގް ކުޅެނީ ހޯމް އެންޑް އަވޭ އުސޫލަށް

ހޯމް އެންޑް އަވޭ އުސޫލަށް މުބާރާތް ކުޅުމަކީ ރާއްޖެއަށް އައު ކަމެކެވެ. ޕްރެމިއަރ ލީގް ކުޅޭނީ ހޯމް އެންޑް އަވޭއުސޫލަށް ކަމަށް އެސޯސިއޭޝަނުގެ އައު ފޯމެޓްގެދަށުން ޔަގީންކަން ދެއެވެ. އެހެންކަމަށް ވަނީނަމަ، އަދި، އައްޑޫ ސިޓީގެ ކްލަބެއް ޒޯން ޗެމްޕިޔަނަށް ހޮވިއްޖެނަމަ، ލީގްގެ އަނެއް އެގާރަ ކްލަބް އައްޑޫ ސިޓީ ސްޓޭޑިއަމްގައި އަވޭމެޗްކުޅުމަށް ހިތަދޫއަށް އަންނަންޖެހޭނެއެވެ. އައްޑޫ ސިޓީގެ ސަޕޯޓަރުންނަށް ރަށުދަނޑަށް ޕްރެމިއަރލީގްގެ 11 މެޗް ގެނައުމަކީ ޝަރަފަކަށް ވާނެއެވެ! މިއީ ހަމައެކަނި އައްޑޫ ސިޓީގެ ކްލަބަތަކާއި ސަޕޯޓަރުންގެ މަސަލަހަތުއޮތްކަމެއްނޫނެވެ. މުޅި އައްޑޫ ސިޓީގެ މަސްލަހަތު އޮތްކަމަކަށްވާނެއެވެ. އެހެންވީމާ އައްޑޫ ސިޓީކައުންސިލްގެ ޝައުގުވެރިކަން ކުޑައެއްނުވާނެއެވެ.

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ސ.އަތޮޅު ފައިނަލް މެޗްގައި މިއަދު ހަވީރު ސ. ފޭދޫ އާއި ހިތަދޫ ބައްދަލުކުރި މެޗް ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މޮޅުވެފައިވަނީ ހިތަދޫ ޓީމް.

ދިވެހި ޕްރެމިއަރލީގްގައި 12 ކްލަބްގެތެރެއިން ގްރޭޓަރ މާލެއަށް 9 ޖާގަ ލިބިފައި އޮންނައޮތުމަކީ އައިބުކަމެއްކަމުގައި ވާނެއެވެ. އަދި ނަހަމަ ކަމެއްގޮތުގައިވެސް ދެކޭނެއެވެ. އެއީ ގްރޭޓަރ މާލެއަށް ހަތަރުބައިކުޅަ ތިންބައި ނުވަތަ 75 އިންސައްތަ (9 ކްލަބް) ބައި އަޅާއިރު، އާބާދީގެ ގޮތުން ބޮޑު އަނެއް ތިންޒޯނަށް އެންމެ 25 އިންސައްތަ (3 ކްލަބް) ދިނުމަކީ އުސޫލެއްގެ ގޮތުން އިންސާފުވެރިގޮތަކަށް ނުވާނެތީއެވެ. އެހެންނަމަވެސް ލިބުނު މިންވަރަށް ޝުކުރުކޮށްލުމުގެ ރޫހުގައި، ތިން ޒޯނުން 61 ކްލަބް ވަނީ މިއަހަރު ބައިވެރިވެފައެވެ.
އެފް.އޭ.އެމް. އިން ރާވާފައިވަނީ ސައުތު ލީގުގައި ބައިވެރިވެފައިވާ 25 ކްލަބް، ތަފާތު ތިން މަރުހަލާއެއްގައި ވާދަކޮށްގެން ޒޯންޗެމްޕިޔަން ހޮވާގޮތަށެވެ. އައު ފޯމެޓަކީ އޮޅުންބޮޅުންބޮޑު، ބުރަހެލި، ޚަރަދުބޮޑު، އިންސާފެއްވެސް ނެތް ފޯމެޓެއްކަމުގައިވީނަމަވެސް ކެތްތެރިކަމާއިއެކު ކަންއޮތްގޮތް ދެނެގަތުން ބޭނުންތެރިއެވެ.

ފުރަތަމަ މަރުހަލާ – ސައުތު ލީގުގެ 3 ވަނަ ޑިވިޒަން (އޯޕަން ޑިވިޒަން)

ރަށަކަށް އެއްކްލަބަށް މަދުކުރުމުގެ އުސޫލަކީ ވަރަށްވެސް އައުދަޔާޚިލާފް އުސޫލެކެވެ. އެފް.އޭ.އެމް. އިން ގަބޫލުކުރަނީ ކޮންމެ ރަށަކުން، ޒޯންގެ ދެވަނަ ޑިވިޒަނަށް ކޮލިފައިކުރެވޭނީ އެއް ކްލަބްކަމަށެވެ. ރަށަކަށް އެއްކްލަބްގެ އުސޫލް އައުދަޔާހިލާފުވަނީ މިއުސޫލު ގްރޭޓަރ މާލެއަށް ނުހިނގާ ތީއެވެ!

2016 މިނިވަން ޗެޕްމިއަންޝިޕް ތަށި ފޭދޫ ޓީމުން އުފުލާލަލީ

ރަށަކަށް އެއްކްލަބް ހަމަޖެއްސުމަށްް އެފް.އޭ.އެމް. އިން ގެންގުޅޭ ހަމައަކީ، ރަށުފެންވަރުގައި އޮންނާނީ އޯޕަން ޑިވިޒަން، ނުވަތަ 3 ވަނަ ޑިވިޒަންކަމުގައި ކަންޑައެޅުމެވެ. އައްޑޫ އަކީ ދެވަނައަށް އެންމެ ބޮޑު ސިޓީކަމުގައިވީނަމަވެސް އައްޑޫ ސިޓީގެ ރަށްތަކަށްވެސް މިއުސޫލް ހިނގައެވެ. އައްޑޫ ސިޓީގެ ދެރަށަކުން، ކޮންމެ ރަށަކުން ދެކްލަބް ބައިވެރިވެފައި އެބައޮތެވެ. އެއީ ހިތަދޫއިން ދެކްލަބާއި، ފޭދުއިން ދެކްލަބެވެ. ތިރީގައި އެވަނީ ރަށަކަށް އެއްކްލަބަށް މަދުކުރަން ކުޅޭ މެޗްތައް ތާވަލްކޮށްފައިވާ ތާރީޚްތަކެވެ. އައްޑޫ ސިޓީން ދެކްލަބް ބާކީކުރަން ކުޅޭ ހިތަދޫ މެޗްގެ ތާރީހަކީ 26-30 މާޗް އެވެ. ފޭދޫގެ މެޗްތާރީހަކީ 27-31 މާޗް އެވެ. ތިރީގައި އެވާ ތާވަލް ބައްލަވާލައްވާށެވެ.

މިމަރުހަލާއިން ދެކްލަބް ބާކީކުރުމަށް ކުޅޭ މެޗް ބަލަނީ އޯޕަން ޑިވިޒަންމެޗްކަމަށެވެ. ބަލިވާ ދެޓީމް ދާނީ ސައުތު ލީގުގެ 3 ވަނަ ޑިވިޒަނަށްކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް ކަން ހިނގާނެގޮތް މުޅިން ޔަގީންވާނީ މުބާރާތުގެ ގަވާއިދު ފެނުނީމައެވެ. ގަވާއިދު އަދި ހާމައެއްނުކުރެއެވެ!
މި މަރުހަލާ ނިމޭއިރު އައްޑޫ ސިޓީއިން މުބާރާތުގައި ދެވަނަޑިވިޒަން ކުޅެން އޮންނާނީ 4 ކްލަބެވެ. އެއީ ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، އަދި ފޭދޫ އެވެ. ކޮންމެރަށަކުން އެއްކްލަބެވެ!

މިއީ އާއްމުވިސްނުމަށް ހަމަޖެހޭ ކަމަކަށް ނުވިނަމަވެސް، އައްޑޫ ސިޓީގެ ކްލަބްތަކަށްވެސް، ލ.ގަމުގެ ކްލަބްކަށްވެސް ކުރިއަށްދެވެން އަންނަނީ މިހަމަ ގަބޫލުކޮށްގެނެވެ. މިމަރުހަލާ ނިމޭއިރު، މިޒޯނުން ބައިވެރިވި 25 ކްލަބްގެތެރެއިން 5 ކްލަބް އޯޕަން ޑިވިޒަނަށް ވެއްޓޭނެއެވެ. އެއީ ލ.ގަމުން 3 ކްލަބާއި، އައްޑު ސިޓީން 2 ކްލަބެވެ. މި ފަސްކްލަބް ދާނީ "އޯޕަންޑިވިޒަން" އަށް، އެއީ 3 ވަނަ ޑިވިޒަނަށް ކަމެއް، ނުވަތަ ނޫންކަމެއް، މުބާރާތުގެ ގަވާއިދެއް ނެތުމުން މުޅިންސާފެއްނުވެއެވެ. ލަފާކުރެވެނީ އޯޕަންޑިވިޒަނަކީ 3 ވަނަ ޑިވިޒަން ކަމަށެވެ. ސައުތުލީގުގެ ދެވަނަ ޑިވިޒަންގެ 18 ކްލަބް ހޮވަންޖެހޭނީ ދެން ބާކީއޮތް 20 ކްލަބްގެތެރެއިންނެވެ.

ދެވަނަ މަރުހަލާ – ސައުތު ލީގުގެ 2 ވަނަ ޑިވިޒަނަން

އައުފޯމެޓް ބުނަނީ ދެވަނަ ޑިވިޒަނަށް 18 ކްލަބް ކޮލިފައި ކުރަންޖެހޭކަމަށެވެ. ވީމާ، މިހާރު އޮތް 20 ކްލަބްގެތެރެއިން 2 ކްލަބް ބާކީކުރާނެ އުސޫލެއް އަދި ސާފެއް ނުވެއެވެ. މުބާރާތުގެ ގަވާއިދު ނިކުތީމައި މިކަން އިތުރަށް ސާފުވާނެކަމަށް އުއްމީދުކުރުންނޫން ގޮތެއް މިވަގުތަކު ނެތެވެ.
މިމަރުހަލާގައި ލަފާކުރެވެނީ މިޒޯން ދެފަޅިއަށް ބަހާލެވިދާނެކަމަށެވެ. އެއީ އައްޑޫ ސިޓީގެ ހަތަރު ކްލަބާއި ހުވަދުއަތޮޅުގެ ހަތަރުކްލަބް އެއްގްރޫޕަށް ލައި، އައްޑޫ ސިޓީގައި ނުވަތަ ހުވަދުއަތޮޅުގެ ރަށެއްގައި ސެންޓަރަލައިޒްޑް އެއްބުރު ކުޅޭގޮތަށެވެ. އެއީ 28 މެޗެވެ! އެއްރަށަށް ޖަމާވެ ތިބެގެން ކުޅެން ކުޑަ އަދަދެއް ނޫނެވެ. އައްޑޫ ސިޓީގައި 4 ކްލަބް އޮތުމުން، ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރުމުގެ ފުރުސޮތު ބޮޑުވެސް ވެދާނެއެވެ. މިކަންހިނގާގޮތްވެސް ގަވާއިދެއްގައި އޮންނާނެކަމަށް ބަލަންޖެހޭނެއެވެ.

ތިންވަނަ މަރުހަލާ – ސައުތުލީގްގެ 1 ވަނަ ޑިވިޒަން

މިމަރުހަލާގައި އައްޑޫ ސިޓީ ކްލަބެއް ފެންނާނީ، އައްޑޫ ސިޓީ ކްލަބްތައް ހިމެނޭ ގްރޫޕުން ގަދަ 4 ޓީމްތެރޭ ހިމެނިއްޖެނަމަ އެވެ. އެއީ ހުވަދުއަތޮޅު ޓީމްތައްބަލިކޮށްގެނެވެ. އަނެއްކޮޅުން ތ.އަތޮޅާއި، ލ.އަތޮޅު ގްރޫޕްކޮށްގެން ކުޅުމަށްފަހު ހޮވޭ ގަދަ 4 ކްލަބް، އެއްވަނަ ޑިވިޒަނަށް ކޮލިފައިވާނެކަމަށް ބަލަންޖެހެއެވެ. މިޒޯންގެ ދެވަނަޑިވިޒަންގެ ދެގްރޫޕުން، ކޮންމެ ގްރޫޕަކުން ހޮވޭ ގަދަ 4 ޓީމް އެއްކޮށްލުމުން ޒޯންގެ އެއްވަނަ ޑިވިޒަންގެ 8 ކްލަބް ހޮވުނީއެވެ. މިކަންވެސް މުޅިން ޔަގީންވާނީ މުބާރާތުގެ ގަވާއިދު ނިކުތީމައެވެ. ގްރޫޕްކުރާގޮތް އެނގުނީމައެވެ. އަޅުގަނޑު މިމަންޒަރުކޮށްލީ އައުފޯމެޓަށް ކުޅޭނަމަ އަންދާޒާކުރެވޭ އޮޕްޝަންތަކެވެ.

އާދޭހެވެ! ވާނުވާ އެއް ނޭނގެއެވެ. އޮޅުންބޮޅުން ބޮޑެވެ. ޙަރަދުވެސް ބޮޑެވެ. ކުޅެން ހަތަރު ހަފްތާއަށް ވީއިރު، އަދި ވާންވީގޮތް ސާފެއްނުވެއެވެ.

މިއަށްވުރެ އޮޅުންބޮޅުން ކުޑަ، މިއަށްވުރެ ލުއި، މިއަށްވުރެ ޚަރަދުކުޑަ، އަދި މިއަށްވުރެ މާ ފޯރިގަދަ ގޮތެއް އެބައޮތްތޯއެވެ؟

އާދޭހެވެ. އެބައޮތެވެ! އެއީ، މިހުރިހާ ހާސަރެއް ދެމުން ހުއްޓާލާ، އައްޑޫ ސިޓީގެ ކްލަބްތައް އެއްގަލަށްއަރާ އައްޑޫ ސިޓީ ލީގް އުފެއްދުމެވެ.

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ސ.އަތޮޅު ފައިނަލް މެޗްގައި މިއަދު ހަވީރު ސ. ފޭދޫ އާއި ހިތަދޫ ބައްދަލުކުރި މެޗް ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މޮޅުވެފައިވަނީ ހިތަދޫ ޓީމް.

އެފް.އޭ.އެމް. ގެ އިޒްނައާއި އެކު، އައްޑޫ ސިޓީ ޗެމްޕިޔަންޝިޕަކީ އައްޑޫ ސިޓީ ލީގުން އިންތިޒާމްކުރާ މުބާރާތަކަށް ހެދުމެވެ. އަންނަ ހަފްތާގައި މިކަމަށް ފިކުރެއް ހުށަހަޅާލުމުގެ އުއްމީދުގައި މަޑުޖައްސާލީމުއެވެ!

ނޯޓް: ދިވެހި ޕްރެމިއަރލީގާއިގުޅޭގޮތުން 23 ފެބްރުއަރީ 2022 ގައި "މިހާރު" ނޫހުގައި ޝާއިއުކޮށްފައިވާ އަޅުގަނޑުގެ ލިޔުމުގައި ޒޯން-2. ގައި ކ.އަތޮޅުގެ ހަތަރު ކްލަބް ނުހިމެނި އެވަނީ އޮޅުމަކުންނެވެ. ކ.އަތޮޅުގެ ހަތަރު ކްލަބް ގުނީމައި، ޕްރެމިއަރލީގް ކޮލިފިކޭޝަނަށް ތިންޒޯނުން ކުރިމަތިލި ކްލަބްގެ ޖުމްލަ އަދަދު 61 އަށް އަރައެވެ. (57 ނޫނެވެ). މިއޮޅުމަށްޓަކާ ކިޔުންތެރިންގެ ފަރާތުން މައާފަށް އެދެމެވެ.

އެޑިޓަރުގެ ނޯޓު:

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.