Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މީދޫގައި ހެރިޓޭޖް ކޮމްޕްލެކްސްއެއް ހަދަނީ

އައްޑޫ މީދޫގެ ތާރީހީ ކޯގަންނު ގަބުރުސްތާން ކައިރީގައި ހެރިޓޭޖް ކޮމްޕްލެކްސްއެއް ހެދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއީލް ނާއިލް ނަޝީދު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭތީ އެކަމަށް ބޭނުންވާ ޕްލޭންތައް ހެދި، ކޮންސެޕްޓް ޑިޒައިންކުރުމުގެ މަރުހަލާ ނިމިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ތަނަކާ އެކު ކޯގަންނު ގަބުރުސްތާނަށް އޮތް މަގުބޫލުކަން މިހާރަށް ވުރެ އިތުރުވެ، ތާރީހީ އެފަދަ ތަންތަނަށް ދެވޭ ހިމާޔަތާއި ރައްކާތެރިކަން ވެސް ބޮޑުވެގެން ދާނެ އެވެ.

"ހެރިޓޭކް ކޮމްޕްލެކްސްއެއް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ އެއްބައި މަސައްކަތްތަކުގެ ތެރެއިން މިހާރު ޕްލޭނިން އާއި ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް މިހާރު އެއޮތީ ނިމިފައި. އަމަލީ މަސައްކަތް ފަށަން ފަންޑު ހަމަޖެއްސުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ކުރަމުން މި އަންނަނީ،" ނާއިލް ވިދާޅުވި އެވެ. "އެ ޕްރޮޖެކްޓުގެ ދަށުން އެތަނުގައި މިއުޒިއަމަކާއި ޑިސްޕްލޭ ހޯލަކާއި ބާރޑް ސެންޗުއަރީއަކާއި ލައިބްރެރީއަކާއި އޮޑިޓޯރިއަމް މިފަދަ އެކިއެކި ޚިދުމަތްތައް ހިމެނޭ ކޮމްޕްލެކްސްއެއް ޤާއިމުކުރަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ."

ކޯގަންނު ގަބުރުސްތާނު ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ވެސް މިހާރު ހިމެނިފައިވާ އިރު، އެ ގަބުރުސްތާނުގައި ހިރިގަލުން ބިނާކޮށްފައިވާ ފަނޑިޔާރު މިސްކިތަކީ ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ރާއްޖޭން ހިމަނަން ހުށައަޅާފައިވާ މިސްކިތެއް ވެސް މެ އެވެ.

ބުނެވޭ ގޮތުގައި ކޯގަންނު ގަބުރުސްތާނުގައި ހުންނަ މެދުޒިޔާރަތަކީ ޔަމަނުގެ ސަންހާގެ ދަންނަ ބޭކަލެއް ކަމަށްވާ ސުލައިމާނު ގާދިރުކަލޭގެ ފާނުގެ ސުވަރު ގާދިރުކަލޭފާނުގެ އީސާގާދިރު ކަލޭގެފާނުގެ އައްޝެއިޚް ހާފިޒު ޔޫސުފުއްނާއިބްގެ އާއިލާ ފަސްދާނުލެވިފައިވާ ޒިޔާރަތެވެ. ސުލައިމާނު ގާދިރުކަލޭގެ ފާނުންގެ އާއިލާ އަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތް ދަސްކޮށްދެއްވައި ދެކުނުގެ އަތޮޅުތަކުގެ މީހުން އިސްލާމް ދީނަށް ވެއްދި އާއިލާ އެވެ.