Last Updated: April 20, 13:48
Saturday, April 20, 2024
ކުޅިވަރު

ޕްރީމިއަ ލީގް ކެމްޕޭނަށް އައްޑޫގެ ފުޓުބޯޅަ ލީޑަޝިޕް ބޭނުންވޭ!

(ކ.ވ) ޓެކްނިކަލް އެޑްވައިޒަރު މުހައްމަދު އާދަމް އަދި އެފްއޭއެމްްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒު

ދިވެހި ޕްރެމިއަރްލީގުން، މާލެފިޔަވާ އެހެން ސިޓީތަކާއި އަތޮޅުތަކަށް ލިބުނީ އެންމެ 3 ޖާގައެވެ. އައްޑޫ ސިޓީއަށް ޖާގައެއް ލިބެން އޮތީ ޒޯން-3 ގެތެރެއިންނެވެ. އެއީ، ޒޯންގައިހިމެނޭ އަނެއް ހަތަރުއަތޮޅުން (ތ، ލ، ގއ، ގދ) ބައިވެރިވި 19 ކްލަބް މައްޗަށް މޮޅުވެގެންނެވެ. އައްޑޫ ސިޓީގެ ކެމްޕޭން ގައި 6 ކްލަބް ބައިވެރިވިއެވެ. އެ ކްލަބްތަކަކީ؛

1. ހިތަދޫ އެފް.ސީ.

2. މެދުވަލު އެފް.ސީ.

3. ގޯދިޔާ. (މަރަދޫ)

4. މަރަދޫ ފޭދޫ އެފް.ސީ. އަފިރިން

5. ފޭދޫ އެފް.ސީ.

6. ފާހި އެފް.ސީ. (ފޭދޫ)

ޕްރެމިއަރލީގްގެ އައު ލޯގޯ

ދިވެހި ޕްރެމިއަރ ލީގް، ފުރަތަމަ ފަހަރަށްް، ހޯމް އެންޑް އަވޭ އުސޫލަށް ހުޅުވާލުމުން، ޒޯން-3 ގެ ޗެމްޕިޔަންކަން ހޯދުމަށް އައްޑޫ ސިޓީން މަސައްކަތްކުރާނެއެވެ. އަނެއް ހަތަރު އަތޮޅު ބަލިކުރެވޭ ވަރުގެ ކްލަބެއް އައްޑޫ ސިޓީން ނެރެންޖެހޭނެއެވެ. މިކަން ކުރެވޭނެ އެއްގޮތަކީ، ބައިވެރިވެފައިވާ 6 ކްލަބަކީ އައްޑޫސިޓީގެ އެއްވަނަ ޑިވިޒަންލީގްގެގޮތުގައި، އެފް.އޭ.އެމްގައި ރަޖިސްޓަރީ ކުރުމަށްޓަކާ، އައްޑޫސިޓީގެ ކްލަބްތަކުން އިސްނަގާ، އުފަންކުރާ ލީގް އެޑްމިނިސްޓަރޭޝަނަނަކާއި ހަވާލުކުރުމެވެ. ކްލަބްތަކުގެ މެޖޯރިޓީން އެޕޮއިންޓްކުރާ އައްޑޫ ސިޓީ ފުޓްބޯލް ލީގް ގެ ރައީސް، ނުވަތަ ސީ.އީ.އޯ ގެ މަޝްއޫލިއްޔަތަކަށްވާނީ، އައްޑޫ ސިޓީގެ ފުޓުބޯޅަ ލީގްމެނެޖްކޮށްދީ، ގައުމީ ފެންވަރުގައި ރެޕްރެޒެންޓްކޮށްދިނުމެވެ.
އައްޑޫ ސިޓީގެ ޕްރެމިއަރ ލީގް ކެމްޕޭނަކީ ރާއްޖޭގެ ދެވަނަ ސިޓީއަށް ލީގުން ޖާގައެއްހޯދުމަށް ފަށާ ތާރީހީ ކެންޕޭނަކަށްވާނެއެވެ. މިކެމްޕޭންގެ ލީޑަރަކަށްވާނީ އައްޑޫ ސިޓީ ލީގްގެ ފުރަތަމަ ރައީސްއެވެ. އައްޑޫ ސިޓީގެ ކަމުވޮށިގެންވާ ސްޕޯޓްސް ލީޑަރުންނަށް، އިސްނެގުމުގެ ފުރުސޮތު ހުޅުވުނީއެވެ.

ސްޕޯޓްސް ލީޑަރޝިޕް

އައްޑޫ ސިޓީގައި، ކުޅިވަރުގެ ކަންތައްތަކަކީވެސް، މިހާރު ލޯކަލް ގަވަންމެންޓުފެންވަރުގައި ބަލައިގަންނަ ކަންތައްތަކެވެ. މިސާލަކަސް، ވެއަތުވެދިޔަ އާދީއްތަދުވަހު، "އައްޑޫސިޓީގެ ފުޓުބޯޅަކުޅޭ ޒުވާނުންނަށް ދިމާވާ ދަތިތައް މޭޔަރ ޢަލީ ނިޒާރުވަނީ އެފް.އޭ.އެމް އާއި ހިއްސާ ކުރައްވާފައެވެ. އަދި މިހަބަރުވަނީ ސިޓީކައުންސިލުން ޓްވިޓަރ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

މިއަދުގެ ހަގީގަތަކީ، ސިޓީކައުންސިލަށްވުރެގާތުން އައްޑޫ ސިޓީގެ ފުޓުބޯޅައިގެ މައްސަލަތަކުގައި ވަކާލާތުކުރާނެ ފަރާތެއް ބޭނުންވާކަމެވެ. ފުޓުބޯޅަ މެނެޖްމަންޓްގެ ޓެކްނިކަލް ކަންކަމުގައި ވަކާލާތުކުރާނެ ލީޑަރޝިޕެއް ބޭނުންވެއެވެ. ސިޓީއެއްގެ ދަރަޖަ ލިބިފައިވާއިރު، ސިޓީގެ ފުޓުބޯޅަ މަސަލަހަތު ހިމާޔަތްކޮށްދޭނެ ލީޑަރޝިޕެއްވެސް އުފެދެންޖެހެއެވެ.

މިސާލަކަށް، މިވަގުތުވެސް އައްޑޫ ފުޓުބޯޅަ ކްލަބްތަކަށް ދިމާވެފައިއޮތް މައްސަލައަކަށް ބަލާލަމާތޯއެވެ. އެފް.އޭ.އެމް. އިން ބުނަނީ މާލެސިޓީ ފިޔަވާ އެހެން އެއްވެސް ރަށަކުން އެއްކްލަބަށްވުރެ ގިނަކްލަބް ބައިވެރިނުކުރެވޭނެކަމަށެވެ. މި ސިޔާސަތުގެދަށުން، އެފެ.އޭ.އެމް. އިން މިހާރު ކަނަޑައަޅާފައި ވަނީ ކުރިއަށްއޮތް ދެހަފްތާތެރޭ ހިތަދޫ އިންނާއި ފޭދޫއިން ކޮންމެ ރަށަކުން ދެކްލަބް ބައިވެރިވެފައި ވާތީވެ، އެތަނުން އެއްކަލަބް ބާކިކުރުމަށެވެ. މި ސިޔާސަތުގެ ދަށުން "އެލިމިނޭޝަން" މެޗްތައް ތާވަލްކޮށްފައި ވާގޮތް ތިރީގައި އެވަނީއެވެ.

• ހިތަދޫ އެފް.ސީ. / މެދުވަލު އެފް.ސީ. – 26-30 މާޗް، ބަލިވާ ކްލަބް، މުބާރާތުން ވަކިވީ!

• ފޭދޫ އެފް.ސީ. / ފާހި އެފް.ސީ. – 27-31 މާޗް، ބަލިވާ ކްލަބް، މުބާރާތުން ވަކިވީ!

އެލިމިނޭޝަން މެޗްތައް ނިމޭއިރު އައްޑޫ ސިޓީން ބައިވެރިވި 2 ކްލަބް ބާކީވީއެވެ. އައްޑޫ ސިޓީގެ ކެމްޕޭންގެ ސައިޒް 6 ކްލަބުން 4 ކްލަބަށް ކުޑަވީއެވެ!

ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އާއި މާޒިޔާ ކުޅުނު މެޗްގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: ޝަރަފް

މިވަނީ ކިހިނެއް؟

މިވާގޮތް ވަރަށް ސާފެވެ. އައްޑޫ ސިޓީގެ ސައްހަ ފުޓުބޯޅަ ލީޑަރޝިޕެއް ނެތުމުން، މާދުރުގައި އޮތް އެފެ.އޭ.އެމް. ގެ އޮފީހެއްގައި އިންނަވާ ކޮންސަލްޓަންޓެއް، އައްޑޫ ސިޓީގެ ޗެމްޕިޔަންޝިޕް ކުޅެންޖެހޭގޮތް ކަންޑައަޅުއްވަނީއެވެ!

އާދޭހެވެ! މި ކޮންސަލްޓަންޓް މިކަން ނިންމަވަނީ، އެފް.އޭ.އެމް. އިން ގެންގުޅޭ، ވަރަށްވެސް އާދަޔާ ހިލާފު އުސޫލެއްގެ ދަށުންނެވެ. އެއީ، މާލެސިޓީ ފިޔަވާ އެހެން އެއްވެސް ރަށަކަށް، އެއް ކްލަބަށްވުރެ ގިނަ ކްލަބް ތަމްސީލް ނުކުރެވޭނެކަމެވެ. "އަދަދު" ނޫހަށް ދާދިފަހުން ދެއްވި އިންޓަރވިއުއެއްގައި، އެފް.އޭ.އެމް. ގެ ސެކެޓްރީޖެނަރަލްވެސް ވަނީ މިއުސޫލް އެންޑޯޒް ކުރައްވާފައެވެ. މިއީ ޑިމޮކްރެޓިކް ގައުމުތަކުގައި ގެންގުޅޭ އުސޫލެއްކަމެއް އަދި އެނގިފައެއް ނުވެއެވެ.

މިއީ ކީއްވެގެން ގެންގުޅޭ އުސޫލެއްކަމެއް، އެސޯސިއޭޝަންގެ ކޮންސަލްޓަންޓަކަށްވެސް ސާފުކޮށްދެވޭގޮތެއް ނުވިއެވެ! ކޮންސަލްޓަންޓް، މުހަންމަދު އާދަމް މިދިޔަ ހޯމަދުވަހު "އަދަދު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރަށަކުން އެއްޓީމު ހެދީ ފޯރިއަށް ބަލާފައި ކަމަށެވެ!
"މިސާލަކަށް އާބާދީގައި 500 މީހުން ހުއްޓައި، އެއް ރަށުން ދެ ތިން ހަތަރު ޓީމުން އައިސް ކުޅެން ފަށައިފިއްޔާ އަސްލު ވެސް ރަށުގައި ބޭނުންވާ ފޯރި ކުޑަވެގެންދާނެ…."

އެވިދާޅުވާ ވާހަކައެއް މުޅިން ސާފު ނުވިނަމަވެސް، ބަދަލު ގެންނަންޖެހިދާނެ ކަމަށްވެސް ގަބޫލުކުރަށްވައެވެ. ވިދާޅުވީ، މިއީ ބަދަލުކުރެވިދާނެކަމެއް ކަމުގައެވެ.

"މި އަހަރު ރަށަކުން ޓީމެއް ގެނެސްގެން އެކަން މި ކުރަނީ. މިސާލަކަށް މި އަންނަ އަހަރު ސިޓީގެ ދަރަޖަ ދީފައި އިން ޓީމުތަކަށް އަވަށްތަކުގެ ނަމުގައި ބައިވެރިވެވޭ ގޮތް ވެސް ހެދިދާނެ. ދެން ހެދިދާނެ ރަށަކުން އެއް ޓީމަށް ވުރެ ގިނަ ޓީމު ބައިވެެރިވެގެން ވެސް އާދެވޭ ގޮތަށް،" ފޯމެޓަށް އަތުވެދާނެ ބަދަލަކަށް އިޝާރާތްކޮށް މުހައްމަދު ބުންޏެވެ.

ވީމައި، މިއަހަރުވެސް ސިޓީގެ ދަރަޖަ ލިބިފައިވާ އައްޑޫ ސިޓީގެ ޓީމެއް "އެލިމިނޭޓް" ކުރަންޖެހޭ ސަބަބެއް ނެތެއްނޫންތޯއެވެ! އެންމެ ޓީމެއްވެސް މަދުކުރުމަކީ ސިޓީއެއްގެ ގޮތުގައި ގައުމީ ފެންވަރުގައި ވާދަކުރާއިރު، މަސްލަހަތު ފުށުއަރާ ކަމަކަށް ވާނެއެވެ. އައްޑޫ ސިޓީން ބޭނުންވާނީ އެސިޓީއަށް ޕްރެމިއަރލީގް ޖާގައެއް ހޯދައިދިނުމަށް ކުރިމަތިލި ހުރިހާކްލަބްތަކަށް ހަމަހަމަ ފުރުސޮތު ހޯދާދިނުމަށެވެ. އައްޑޫ ސިޓީން ބޭނުންވާނީ، ގައުމީ ފެންވަރުގައި ސިޓީގެ އަގުހިފަހައްޓައިދޭނެ ކާމިޔާބު މޮޅުކްލަބްތަކެއް އުފައްދާށެވެ. އައްޑޫ ސިޓީ ލީގް ޗެމްޕިޔަން ވާނީ، އައްޑޫ ސިޓީ ރައްޔިތުންގެ "ސްޕޯޓްސް ޕްރޮޕަޓީ" އަކަށެވެ. ވީމާ، މި އައު "ފުޓްބޯލް ފްރެންޗައިޒް" މެނެޖްކޮށް ބަލަހައްޓައިދޭނެ އައްޑޫ ސިޓީގެ ފުޓްބޯލް ލީޑަރޝިޕެއް އުފެދެންޖެހެއެވެ.

މިވަގުތު އައްޑޫ ސިޓީގެ ހައްގުގައި، އެފް.އޭ.އެމް. އާއި މުއާމަލާތުކުރާތަން މިފެންނަނީ ހަމައެކަނި އައްޑޫ ސިޓީކައުންސިލުންނެވެ.

ވެދާނެ ގޮތް!

އެފް.އޭ.އެމް. އިން ނުވިސްނާކަމަކީ، އައްޑޫ ސިޓީން މުބާރާތުގައި ބައިވެރިވެފައިވާ އެންމެ ކްލަބެއްވެސް "އެލިމިނޭޓް" ކުރުމުގެ ހައްގަކީ، މާދުރުގައި، މާލޭގެ އޮފީހެއްގައި އިންނަވާ ކޮންސަލްޓަންޓެއް ލައްވާ ނިންމުވޭނެ ކަމެއް ނޫންކަމެވެ. އަދި އެސޯސިއޭޝަންގެ "ޓެކްނިކަލް ކޮމިޓީ" އަކުން ބަސްބުނަންވާނީ، އައްޑޫ ސިޓީގެ ކްލަބްތަކާ ފުޅާކޮށް، ޕަބްލިކް ކޮންސަލްޓޭޝަންގެ ރޫހުގައި މަޝްވަރާކުރުމަށް ފަހުގައެވެ.

ހަމަ މިނޭވާގައި ދަންނަވަންޖެހޭ އަނެއް ހަގީގަތަކީ، އައްޑޫ ސިޓީގެ ފުޓުބޯޅަ ލީޑަރޝިޕެއް އޮތްނަމަ، އެފް.އޭ.އެމް. އިންވެސް، މިޒިންމާތައް އައްޑޫ ފުޓުބޯޅަ ލީޑަރަޝިޕާއި ހަވާލުކުރާނެކަމެވެ. މިކަމަކީ އެފް.އޭ.އެމް. ގެ އަސާސީ ގަވާއިދުގައިވެސް އޮންނައުސޫލް ކަމުގައި ވާތީއެވެ. ސަރަހައްދީ ލީގެއްގޮތުގައި ސިޓީއެއް ނުވަތަ ސަރަހައްދެއްގެ ކްލަބްތައް އެއްވުމަށް ގާނޫނީ ހުރަހެއްނެތެވެ. އެސޯސިއޭޓް ވާންވީއެވެ. އިސްނަގަންވީއެވެ. މިއީ ލާމަރުކަޒުކޮށްފައި އޮންނަ ހުރިހާ ގައުމެއްގައިވެސް މިކަން އޮންނަގޮތެވެ. ވީމާ، މިވަގުތު ބޯޅަ އޮތީ، އައްޑޫ ސިޓީ ފުޓްބޯލް ލީގް ގެ ލީޑަރޝިޕްގެ ފަޅީގައެވެ. އައްޑޫ ސިޓީ މިއޮތީ ފުޓުބޯޅަ ލީޑަރޝިޕަކަށް ބޭނުންވެފައެވެ.

ގ

މި ތާރީހީ ހޯމްއެންޑް އަވޭ ޕްރެމިއަރލީގްގެ ސްލޮޓް، އައްޑޫ ސިޓީއަށް ކާމިޔާބު ކޮށްދެވެން އޮތީ، އައްޑޫ ސިޓީގައި ހަރުދަނާ ފުޓުބޯޅަ ލީޑަރށިޕެއް އުފެދިގެނެވެ. މިފަދަ ލީޑަރޝިޕަކީ، ބައިވެރިވި 6 ކްލަބްގެ ވޯޓަކުން އުފެދޭ ލީޑަރށިޕަކަށް ވާނެއެވެ. އަދި މިފަދަ ވަރުގަދަ ލީޑަރޝިޕަަކާއިއެކު، އެފް.އޭ.އެމް. ގެ ވޯޓް ހައްގުވާ ކްލަބްތަކެއް އައްޑޫ ސިޓީގައި އުފެދޭނެކަމީ ޝައްކެއް ނެތްކަމެކެވެ.