Last Updated: April 18, 13:36
Thursday, April 18, 2024
ރިޕޯޓް

އައްޑޫ ސިޓީއަށް، ފުޓުބޯޅަ ރައީސް ބޭނުން؟

އައްޑޫ ސިޓީ އިން ޒޯން ކޮލިފައިންގައި ބައިވެރިވި ކްލަބު ތަކުގެ ލޯގޯ

މާލެ ސިޓީގައި ފުޓުބޯޅަ ރައީސަކު އެބަހުއްޓެވެ. އެއީ މާލޭގެ ޕްރެމިއަރލީގް 9 ކްލަބްގެ އެގްޒެކެޓިވް ކޮމިޓީއަކާއިއެކު އެފް.އޭ.އެމް. ގެ ރައީސް އެވެ. އައްޑޫ ސިޓީއަށް ރައީސެއް ނެތެވެ. އައްޑޫ ސިޓީގައި 6 ކްލަބް އޮތްނަމަވެސް، އެ ހަ ކްލަބްގެ މަސްލަހަތު ބަލަހައްޓާދެވޭނެ ވެރިއަކު ނެތެވެ. މިޒަމާނުގައި މިފަދަ ހާލަތްތަކަށް ކިޔާއުޅެނީ "ގާނޫނީ ހުސްކަމެއް" އައުން ކަމެވެ.

ކްލަބް ތައް ތިބީ ވަކިވަކި ކްލަބްތައް ގޮތުގައެވެ. އައްޑޫ ސިޓީގެ ހުރިހާ ފުޓުބޯޅަ ކްލަބްތައް ހިމެނޭގޮތަށް އެންމެން ގުޅުވައިދޭނެ ފަރާތެއް ނެތެވެ. ކްލަބްތައް އެތިބީ، ވަކިވަކިން އެކަނި ކޮށެވެ. މިސާލަކަށް، އައްޑޫ ސިޓީން ޕްރެމިއަރލީގް ކޮލިފިކޭޝަންގައި ބައިވެރިވި ހަ ކްލަބް ގެތެރެއިން ދެކްލަބް "އޯޕަން ރައުންޑް" އެއް މެދުވެރިކޮށް މުބާރާތުން ބޭރުކޮށްލާއިރު، މި ދެކްލަބްގެ ހައްގުގައި ވަކާލުކޮށްދޭނެ ފަރާތެއް ނެތެވެ. އައްޑޫ ސިޓީގެ ފުޓުބޯޅައިގެ މަސްލަހަތު އޮތް މިފަދަ ކަންކަން ހައްލުކޮށްދޭނެ އިސް ފަރާތެއް ނެތުމަކީ އުނިކަމެކެވެ. މިފަދަ ކަންކަމުގައި، ކްލަބްތަކުގެ ފަރާތުން، މައި އެސޯސިއޭޝަނާއި މުއާމަލާތުކޮށްދޭނެ ފަރާތެއް އޮތުމަކީ ބޭނުންތެރިކަމަކަމަކަށް ޥާނެއެވެ.

"އައްޑޫ ސިޓީ ފުޓްބޯލް ލީގް"

އައްޑޫ ސިޓީ ފުޓްބޯލް ލީގް މެނެޖްކޮށްދޭ، ފުޓްބޯލް އެޑްމިނިސްޓްރޭޝަނެއް، ބޭނުންވާ ސަބަބުތައްވެސް މިއަދު އުފެދިއްޖެއެވެ. އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެވަނަ ސިޓީ ކަމުގައިވީނަމަވެސް، ފުޓުބޯޅަނިޒާމްގެތެރެއިން ދޭންޖެހޭ ދަރަޖަ، އައްޑޫ ސިޓީއަށް ނުދެއެވެ. މިސާލަކަށް، ގްރޭޓަރ މާލޭގެ އަވަށަކުން އެއްކްލަބަށްވުރެ ގިނަ ކްލަބް ބައިވެރިވެވޭއިރު، އައްޑޫ ސިޓީގެ ރަށަކުން އެއް ކަލަބަށްވުރެ ގިނަ ކްލަބަށް ބައިވެރިއެއް ނުވެވެއެވެ. އޯޕަން ރައުންއްގެ ނަމުގައި، މިމަހު ފަހުކޮޅު، ދެރަށުން ދެ ޓީމް ބާކީކޮށްލަން ތާވަލްކޮށްފައި ވެއެވެ. ހިތަދޫގައި 26-30 މާޗް އަށް، އަދި ފޭދޫގައި 27-31 މާޗް އަށެވެ. ބަހެއް ބުނާނެ ހައިސިއްޔަތެއް އޮތް ވެރިއެއް ފެންނާކަށްނެތެވެ.

މިހާތަނަށް، އައްޑޫ ސިޓީގެ ކްލަބްތަކުގެ ފަރާތުން އެފް.އޭ.އެމް. އާއި ވާހަކަދައްކާ އުޅެނީ އައްޑޫ ސިޓީ ކައުންސިލުންނެވެ. ކައުންސިލް އާއި ވަކިން، ކްލަބްތަކުން ހޮވާފައިވާ އައްޑޫ ފުޓުބޯޅަ ރައީސެއް ހުރިނަމަ، އެފް.އޭ.އެމް. އާއި ވާހަކަދައްކާނެ ސައްހަ ފަރާތެއް އައްޑޫ ސިޓީގައި އުފަންކުރެވުނީއެވެ.

އެފް.އޭ.އެމް. އިން ސިޓީއާއި އަތޮޅު ބަލައެއްނުގަނެ! ބަލައިގަންނަނީ ޒޯން.

އެފް.އޭ.އެމް. އިން ތަމްފީޒްކުރާ އައުފޯމެޓުގެދަށުން، މާލެފިޔަވާ އެހެން ސިޓީ އެއްވެސް، އަދި އަތޮޅެއްވެސް، ފުޓުބޯޅަ ސަހްސެއްގޮތުގައ ބަލައެއް ނުގަނެއެވެ. ބަލައިގަންނަނީ ހަމައެކަނި ޒޯނެވެ. ސިޓީ އެއް، ނުވަތަ އަތޮޅެއްގެ ނަމުގައި، ފުޓުބޯޅައިގެ ރޫހެއް އުފެދިފައި އޮތް ކަން، އެސޯސިއޭޝަން ނުދަނެއެވެ. މިކަން ދޭހަވަނީ، ހަތަރު ޒޯނަށްބަހާލިއިރު، ޒޯނެއްގެ ގޮތުގައި މާލެ ސިޓީ ބަލައިގެން ނަމަވެސް، އައްޑޫ ސިޓީ ވެސް، އަދި އެހެން ސިޓީއެއްވެސް ބަލައި ނުގަންނަކަމެވެ. އައްޑޫ ސިޓީ ހިމަނާފައި އޮތީ ތ.އަތޮޅުން ދެކުނުގެ އަތޮޅުތައް އެކުލެވޭ ބޮޑު ޒޯނެއްގެ ތެރޭގައެވެ.
އެފް.އޭ.އެމް. ގެ ވިސްނުމަކީ، އެއްފަސްކޮށް އޮތް މާލޭސިޓީގައި ތިން ޑިވިޒަނަށް ކުޅޭ މޮޑެލް، ޒޯނެއްގެމައްޗަށް ބާރު ތޮތްޕެއްހެން ފެއްތުމެވެ. އެއީ ކިތަންމެ ދުރުދުރުގައި އޮތް ރަށްތަކަކަށް ވީނަމަވެސް މެއެވެ. އަދި އެތައް ގަޑިއިރެއްގެ ދަތުރުކުރަން ޖެހުނުކަމުގައި ވީނަމަވެސް މެއެވެ. އެތައް ހަރަދެއް ކުރަން ޖެހުނުކަމުގައި ވީނަމަވެސްމެއެވެ. މާލެ ފިޔަވާ އެހެން ޒޯންތައް ހުރީ އެއްފަސްކޮށް ނޫންކަން އެނގޭއިރުވެސް، އެބުނަނީ، މާލެއެކޭ އެއްގޮތަށް ކޮންމެ ޒޯނެއްގައި، އަތޮޅާއި ސިޓީއަށް ނުބަލާ ތިން ޑިވިޒަނަށް ފުޓުބޯޅަ ތަރުތީބު ކުރާށެވެ.

އައްޑޫ ފުޓުބޯޅަ ރައީސް

އައްޑު ފުޓުބޯޅަ ރައީސެއް ބޭނުންވާ އެތައް ސަބަބެއް އުފެދިއްޖެއެވެ. މިސާލަކަށް، އެއްކްލަބަށްވުރެ ގިނަ ކްލަބަށް، އެއްރަށުން ބައިވެރި ނުވެވުމާއި، ސިޓީ ތަކުގެ މެދުގައި ތަފާތުކުރުން ހުރުމާއި، ބޮޑެތި ޒޯންތަކަށް އަތޮޅުތަކާއި ސިޓީތައް ފެއްތުމާއި، ދުރުދުރުގައި އެތުރިފައިވާ އަތޮޅުތަކެއްގެތެރޭ ދަތުރުފަތުރު ހަރަދުބޮޑުވުމާއި، ސެންޓްރަލައިޒްޑް ސިސްޓަމަށް ކުޅެން މަޖުބޫރުކުރުމާއި، ލާމަރުކަޒު އުސޫލުން ސިޓީއާއި އަތޮޅު ލީގުތައް އުފަންކުރުމަށް ނުކުޅެދުމާއި، މާލޭގައިހުރި މަރުކަޒީ އޮފީހަކުން ރަށާއި އަތޮޅާއި، ސިޓީ ފެންވަރުގައި، މައިކްރޯ މެނެޖްކުރުމުގެ ނުކުޅަދާނައިން އަރައިގަނެވޭނެ ގޮތެއް އައްޑޫ ސިޓީގެ ކްލަބްތައްވެސް ހޯދަންޖެހެއެވެ.

މިހާރު އޮތް އުސޫލުން ކޮންމެ ކްލަބަކީ، އެކަނި މާއެކަނި އޮތް ކްލަބެކެވެ، ކްލަބްގެ ބެލެނިވެރި ފަރާތެއްކަމުކުގައި މިވަނީ މާދުރުގައި އޮތް، މާލޭގެ ހައެއްކަ ކްލަބުން ހިންގާ ޖަމިއްޔާއެކެވެ.

އައްޑޫ ސިޓީއެކޭ އެއްހަމައިން، އެހެން ސިޓީތައްވެސް، އަދި އަތޮޅުތައްވެސް، އެތަނެއްގައި އުފެދިފައިވާ ފުޓުބޯޅައިގެ ރޫހާއި ޝަގާފަތް ގާތުން ރަމްޒުކޮށްދޭ ސިޓީ އަދި އަތޮޅު ލީގްތަކަކަށް ފުޓުބޯޅަ ލާމަރުކަޒުކުރަންޖެހެއެވެ. ޖަޒީރާ ލީގްގެ މަފްހޫމަކީ މިއީއެވެ.

އައްޑޫ ސިޓީ ފުޓްބޯލް މޮޑަލް

ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އައްޑޫސިޓީން، މި ތާރީހީ ޕްރެމިއަރލީގް ކޮލިފިކޭޝަންގައި ބައިވެރިވި 6 ކްލަބް ބައިވެރިކޮށްގެން ހޯމް އެންޑް އަވޭ ލީގެއް މިއަހަރުވެސް ފެށުމަކީ އައްޑޫގެ ފުޓުބޯޅަ މުސްތަގްބަލް އުޖާލާކޮށްދޭނެ ލާމަރުކަޒީ މޮޑެލްއަށް ވާނެއެވެ. މިއީ ދުނިޔޭގެ ފުޓުބޯޅަ ޝަގާފަތް އުފެދިފައިވާގޮތެވެ.

އައްޑޫ ސިޓީގެ ފުޓްބޯލް ލީގް މެނެޖްމަންޓުން ވަކާލާރުކުރަންވީ، އައްޑޫ ސިޓީ ލީގް ޗެމްޕިޔަންޝިޕަކީ އައްޑޫ ސިޓީ ލީގުން ހިންގާ ޗެމްޕިޔަންސިޕަކަށް ހެދުމަށެވެ. އަދި، އެފް.އޭ،އެމް ގެ މައި އިދާރާއާއި ވަކިން އޮޕަރޭޓްކުރާ، ލޯކަލް ފުޓްބޯލް އެޑްމިނިސްޓްރޭޝަނެއް ގާއިމްކުރުމަށެވެ.
އައްޑޫ ސިޓީގެ ފުޓުބޯޅަ ކްލަބްތައް، އިސްނަގާ، އައްޑޫ ސިޓީ ފުޓްބޯލް ލީގްގެ ރައީސެއްއްް އިންތިހާބުކުރުމުގެ ވަގުތަކީ މިއީއެވެ. ކްލަބްތަކުގެ ތާއީދާއިއެކު، މައި އެސޯސިއޭޝަނާއި ވަކާލާތުކުރުމަށް މީގެކުރިން ނެތް ގާނޫނީ ސަހްސެއް އުފަންކުރެވުނީއެވެ. އައްޑޫ ސިޓީ ގެ ފުުޓުބޯޅަ ރިޔާސަތަކީ، ދުރުރާސްތާގައި، އައްޑޫ ސިޓީގައި ފުޓުބޯޅައަށް ދިރުން ހޯދައިދޭނެ ބިންގަލަކަށްވާނެއެވެ.

އެޑިޓަރުގެ ނޯޓު:

ހާމިދު އަބްދުލްޣަފޫރަކީ ސްޕޯޓްސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި، އެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ ވަނީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި ކުޅިވަރުގެ އެކި ދާއިރާތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާމިދަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޕޯޓްސް ޑައިރެކްޓަރު ކަމާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.