އާންމުކޮށް ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމުތަކުން ފެންނަ އެކްޓަރު އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެކްޓިން އިން ބްރޭކެއް ނަގަން ނިންމައިފި އެވެ.
ޑާކް ރެއިނުން 2016 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ވާށާ އެކީ" ގެ ރޯލަކުން އާންމުންގެ ސަމާލުކަން ހޯދި އެކްޓަރު ފޭސްބުކް ޕޯސްޓެއްގައި މި ބުނީ ހަޔާތަށް މި ވަގުތު އައިސްފައިވާ ބައެެއް ބަދަލުތަކާ އެކު އެކްޓިން އޮތް "ޕެޝަން" ކުޑަވެފައިވާ ކަމަށެވެ. އެހެންވެ އެކްޓިން އިން ބްރޭކެއް ނަގަން ނިންމި ނަމަވެސް ފިލްމު އިންޑަސްޓްރީއާ ދުރުނުވާ ކަމަށް ބުންޏެވެ.
"ހަމައެކަނި އެކްޓިންއާ މި ވަގުތު ދުރުވެލަން ނިންމީ. އެއްގޮތަކަށް ވެސް ފިލްމު އިންޑަސްޓްރީ ދޫކޮށްލަނީކީ ނޫން." ހާއްސަކޮށް ކޮމެޑީ ރޯލުތަކަށް ކުޅަދާނަ އެކްޓަރު ބުންޏެވެ.
އޭނަ ބުނި ގޮތުގައި ފިލްމީ ދާއިރާ އިން ކުރިއަށް ދިއުމުގެ ހިތްވަރާއި އާންމުން ދަންނަ މީހަކަށްވީ ޑާކް ރެއިންގެ ސަބަބުންނެވެ. އަދި އެ ސްޓޫޑިއޯ އިން އޭނާ އަށް ފުރުސަތުތައް ލިބެން ފެށި އިރު، އެއީ މާ މަގުބޫލު އަދި މާ ބޮޑު ސްޓޫޑިއޯއެއް ނޫން ނަމަވެސް ޑާކް ރެއިނަކީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ ސްޓޫޑިއޯ ކަމަށް ވެސް ޝާއްކޮ އައްމަޑޭ ބުންޏެވެ. އެހެންވެ އެތަނުން ލިބުނު ފުރުސަތަށްޓަކައި އަބަދު ވެސް ޝުކުރުވެރިވާނެ ކަމަށް ބުންޏެވެ.
View this post on Instagram
ޑާކް ރެއިނަށް ޝާއްކޮ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ "ހުދު މުހުތާރު" ކިޔާ ކެރެކްޓާއެއް ކުޅުނު 2019 ގެ "މާމުއި" އެވެ. އެ ފިލްމުގެ އިތުރުން "ވަކިން ލޯބިން" އާއި "މީ ލޯތްބަކީ" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ބުންޏެވެ.
ޑާކް ރެއިނުން ކުރިއަށް ގެނެސްދޭން ހުރި ބައެއް ޕްރޮޖެކްޓްތަކުން ވެސް ޝާއްކޮ ފެންނާނެ އެވެ. އެ ސްޓޫޑިއޯގެ ބޭރުން އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި 2017 ގެ "މަލިކާ" ހިމެނެ އެވެ.
އެކްޓަރެއްގެ އިތުރުން ޝާއްކޮ އަކީ ޅެން ވެސް ހަދާ ފަންނާނެކެވެ. އޭނަ ޅެން ލިޔުނު ބައެއް ލަވަތައް ވީޑިއޯ ލަވަތަކުގެ ގޮތުގައި ވެސް ނެރެފައިވާ އިރު "މާމުއި" އިން ފާހަގަކޮށްލެވުނު "އަރައިގެން އައި އިރާއޭ" އަކީ ވެސް ޝާއްކޮ ލިޔުނު ލަވައެކެވެ. އަދި އޭނަ އަކީ ވިލު ސްޓޫޑިއޯގެ ނަމުގައި އަމިއްލަ ސްޓޫޑިއޯއެއް ވެސް ހިންގާ އެކްޓަރެކެވެ.