Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

މެމްބަރުކަން ކުރިޔަސް އާއިލާއަށް އިންޝުއަރެންސް ދޭކަށް ނުފެނޭ

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މެންބަރުންގެ އާއިލާއަށް ހެލްތު އިންޝުއަރަންސް ސްކީމް ހަމަނުޖައްސަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ބައެއް މެންބަރުންގެ އަނބިން/ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންނަށް އެ މެންބަރުން އަމިއްލަފުޅަށް ޕްރިމިއަމް ދައްކަވާގޮތަށް ހެލްތް އިންޝުއަރަންސް ސްކީމްގައި ބައިވެރިކޮށްދެއްވުމަށް އެދި ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ނިންމާ އާންމު ކޮމިޓީން އެ މައްސަލައިގައި ގޮތެއް ނިންމުމަށް ފޮނުވާފައިވަނީ މަޖިލީހުގެ ތަޅުމަށެވެ.

މިމައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކި ގިނަ މެމްބަރުން ވަނީ އެފަދަ އިންޝުއަރެންސެއް ހަމަޖެއްސުމާ ދެކޮޅުކަން ހާމަކުރައްވާފައެވެ.

ކުރީގެ މެމްބަރުންނާއި އެބޭފުޅުންގެ އާއިލާއަށް އިންޝުއަރެންސް ހަމަޖައްސައިދޭން ނުފެންނަކަމަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

އެފަދަ އިންޝުއަރެންސެއް ހަމަނުޖައްސަން މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 26 މެމްބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުމާ ދެކޮޅަށް ދެ މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި ބުނެފައިވާގޮތުން، މަަޖިލީހުގެ އެއް ދައުރު މެމްބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔާތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 ޕަސެންޓް، އަދި ދެ ދައުރު ކޮށްފައިވާ މީހަކަށް 45 ޕަސެންޓް، ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި މި އިނާޔަތް ލިބޭނީ އުމުރުން 55 އަހަރު ފުރުމުން ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މިގާނޫނުގައި ބުނެފައިވަނީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮންނަފަދަ ހެލްތް އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށެވެ.