ލޯފަން މީހުންނަށް ހާއްސަކޮށްގެން ތައާރަފުރި އެޕް "ޝާމިލު އަޑު" ބޭނުންކުރަން ވަރަށް އުނދަގޫ ކަމަށް ބުނެ ލޯފަން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެ އެޕަކީ ދިވެހިން ލިޔެފައި ހުންނަ ލިޔުންތައް އަޑުއެހުމުގެ ފުރުސަތާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މީހުންނަށް ދިނުމަށްޓަކައި ތަރައްގީކުރި ސްކްރީން ރީޑިން ސޮފްޓްވެއާއެކެވެ. "ޝާމިލު އަޑު" މިދިޔަ ހޯމަ ދުވަހު އިފުތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މި އެޕް ގޫގުލްޕްލޭ އާއި އެޕްސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެެ.
އައްޑޫ މަރަދު އަށް ނިސްބަތްވާ ލޯފަން ޒުވާނެއް ކަމަށްވާ އަބްދުﷲ ޒިޔާއު (ޒިޔާ) ފޭސްބުކް ޕޯސްޓްތަކެއްގައި ބުނީ "ޝާމިލު އަޑު" އިން ވީ ވަކި ފަސޭހައެއް ނެތް ކަމަށެވެ
"މީތި ބޭނުންކުރުން ވަނީ ފަސޭހައަކަށް ވުރެ ބޮޑު ތަކުލީފަކަށް. މިދެން އެހާ މޮޅު ކަމެއް ކަމަށް ދައްކާ ކަހަލަ ވާހަކަތަކެއް ވެސް ނޫން." އޭނާ ބުންޏެވެ.
ލޯފަން މީހަކަށް ވިޔަސް އަބަދު ވެސް ވަރަށް އިޖުތިމާއި ދިރިއުޅުމެއް އުޅޭ އަދި ޓެކްނޮލޮޖީގެ ވަރަށް ގިނަ ވަސީލަތްތައް ވެސް އަމިއްލަ އަށް ބޭނުންކުރާ ޒިޔާގެ އެހެން ޕޯސްޓެއްގައި ބުނީ ލޯފަން މީހުންނަށް ކުރިން ނުކުރެވޭ އަދި ކުރިން ނުލިބޭ އެއްވެސް ފަސޭހައެއް ވެސް "ޝާމިލު އަޑު" އިން ނުލިބޭ ކަމަށެވެ.
"ވަރަށް މައާފަށް ވެސް އެދެން މިހެން ބުނަން ޖެހޭތީ،" ޝާމިލް އަޑު ޑިވެލޮޕްކުރި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބު ޕްރައިވެޓް ލިމިޓެޑް ޓެގްކޮށް ޒިޔާ ބުންޏެވެ. "ވަކި ތާރީހަށް އެއްޗެއް ނެރުނީމޭ ބުނަން އެއްޗެއް ނެރެފައި މީޑިއާ އިން ލައިވްކުރިޔަސް ރަނގަޅު އެއްޗެއް ނާންނާނެ."
އިންކްލޫސިވް އެޑިޔުކޭޝަނާއި ޖަވާބުން ބުނެފައިވާ ގޮތުގައި "ޝާމިލު އަޑު" އަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމްތަކަށް ސަޕޯޓްކުރާ ސޮފްޓްވެއާއެކެވެ. އަދި މިއީ އޮންލައިންކޮށް އެއްވެސް އިންޓަނެޓް ކަނެކްޝަނަކާ ވެސް ނުލައި ބޭނުންކުރެވޭނެ އެއްޗެކެވެ. އެގޮތުން ކޮޕީ ޕޭސްޓުކޮށް ދިވެހި ލިޔުންތައް ކިޔުމަށް ވެސް އެ ސޮފްޓްވެއާ ބޭނުންކުރުމުގެ އިތުރުން އެންޑްރޮއިޑް ޕްލެޓްފޯމްގައި ޖޫކްބެކް ސާވިސްއާއެކު ސިސްޓަމް ޓީޓީއެސް ސާވިސްއެއްގެ ގޮތުގައި ވެސް އެ ބޭނުންކުރެވޭނެ އެވެ.
ޒިޔާ ފޭސްބުކްގައި ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން "ޝާމިލު އަޑު" ޑިވެލޮޕްކުރުމުގައި ހިއްސާވި ޖަވާބު އިން ކުރި ކޮމެންޓެއްގައި ބުނީ އެއާ މެދު ހުރި ކަންބޮޑުވުންތައް ހައްލުކުރަން މިހާރު ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީއާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.