Last Updated: April 20, 17:32
Saturday, April 20, 2024
ވިޔަފާރި

ސްޓާލިންކް އިންޓަނެޓްގެ އަގުބޮޑުކުރަން ނިންމައިފި

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބައެއް ސަރަހައްދުތަކަށް ޕްރީ-އޯޑަރަށް ހުޅުވާފައި އޮތް އަދި މިހާރު ބޭނުންކުރާ މީހުން އިތުރު ވެސް ވަމުން އަންނަ ސްޕޭސް އެކްސްގެ އިންޓަނެޓް، ސްޓާލިންކްގެ އަގުބޮޑުކުރަން ނިންމައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަގުބޮޑުކުރަން ނިންމިކަން އިއުލާންކޮށް، ސްޓާލިންކުން މިހާރު އަންނަނީ ކަސްޓަމަރުންނަށް އެކަން އީމެއިލަކުން އަންގަމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސްޓާލިންކް އިންޓަނެޓްގެ ޕްރީ-އޯޑަރަށް ހުޅުވާލި އިރު ހިދުމަަތަށް ބޭނުންވާ ކިޓްގެ އަގަކީ 499 ޑޮރަރު (7,709ރ.) އެވެ. އޭގައި ހިމެނެނީ ޔޫޒާ ޓާމިނަލާއި އެންޓަނާ ފަދަ ޑިވައިސްތަކެވެ. އަދި ހިދުމަތުގެ މަހު ފީއަކަށް ނަގާ ގޮތަށް އޮތީ 99 ޑޮލަރު (1,529ރ.) އެވެ.

ނަމަވެސް އަގަށް ގެނައި ބަދަލުތަކާ ގުޅިގެން މިހާރު ކިޓްގެ އަގަކީ 599 ޑޮލަރު (9,254ރ.) ކަމަށާއި މަހު ފީ އަކީ 110 ޑޮލަރު (1,699ރ.) އެވެ. ސްޓާލިންކުން ބުނި ގޮތުގައި އަގަށް މި ގެނައި ބަދަލުތަކަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ އެވެ.

އަގަށް މިފަދަ ބަދަލަށް ގެންނަން ނިންމި އިރު، ސްޓާލިންކްގެ ޕްރީމިއަމް ސާވިސްގެ އަގު އަދި އޮތީ އާދައިގެ މީހުން އަތްފޯރާ ވަރަށް ވުރެ މާ މަތީގަ އެވެ. އެގޮތުން އޭގެ ކިޓްގެ އަގު 2،500 ޑޮލަރު (38,625ރ.) ގައި އުޅޭ އިރު، މަހު ފީ އަކީ 500 ޑޮލަރު (7,725ރ.) އެވެ.

މަހުޖަނު އީލޮން މަސްކްގެ ސްޓާލިންކަކީ ސެޓެލައިޓް ފައުޖެއްގެ އެހީގައި ބިނާކޮށް ތަރައްގީކުރަމުން އަންނަ އިންޓަނެޓް ވިއުގައެކެވެ. މީގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެއްވެސް ހިސާބެއްގެ ބަޔަކު އިންޓަނެޓުން މަހުރޫމުވިޔަ ނުދީ، އަވަސް ހިދުމަތެއް ދިނުމެވެ.

ސްޓާލިންކް އިންޓަނެޓްގެ އަގު ބޮޑުކުރަން ނިންމާފައި މި ވަނީ އެ ހިދުމަތް ރާއްޖެ އަށް ވެސް ހޯދަން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.