Last Updated: April 25, 06:02
Thursday, April 25, 2024
ވިޔަފާރި

ޝޯމީގެ އިލެކްޓްރިކް ކާރުގެ ޕްރޮޓޯޓައިޕް ދައްކާލަނީ

އިލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމިކަން މިދިޔަ އަހަރުގެ މާޗްގައި އިއުލާންކުރި ޗައިނާގެ ފޯނު ކުންފުނި، ޝޯމީގެ ކާރުގެ ޕްރޮޓޯޓައިޕް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ދައްކައިލާނެ ކަމަށް ބުނެފި އެވެ.

އެ ކުންފުނިން މިހާރު ވަރަށް ބާރަށް ކާރު ޑިވިޝަންގެ މަސައްކަތްކުރަމުން އަންނަ އިރު، އަމާޒަކީ 2024 ގައި ބާޒާރަށް ކާރު ނެރުމެވެ. ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ކާރު އުފެއްދުމުގެ މަސައްކަތް ޝޯމީން ފެށީ އެކަމަށް ހާއްސަކޮށްގެން އުފެއްދި ސަބްސިޑަރީއެއްގެ ދަށުންނެވެ. އެއީ ޝޯމީ އީވީ ކޮމްޕެނީ ލިމިޓެޑެވެ.

އެ ކުންފުނިން އަހަރަކު 300،000 ކާރު އުފައްދާނެ ކަމަށް ބުނެފައިވެ އެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޝޯމީގެ އިލެކްޓްރިކް ކާރުގެ ޕްރޮޓޯޓައިޕް ދައްކައިލާނެކަން ހާމަކުރި ނަމަވެސް އެއާ ބެހޭ މާ ބޮޑު ތަފުސީލެއް ނުދެ އެވެ. އެކަމަކު މީޑިއާތަކުން ބުނީ އެ ކާރު ވާނީ އެސްޔޫވީ ނުވަތަ ސެޑަން ސްޓައިލްގެ ވަރަށް ހިތްގައިމު އަދި ޒަމާނީ ފާޑުވެރިކަމާއި ގޮތްގަނޑަށް ގެނެސްދޭނެ އެއްޗެކެވެ. ޔަގީންވާ ކަމަކީ ޕްރޮޓޯޓައިޕުން ޝޯމީގެ އިލެކްޓްރިކް ކާރުގައި ހުންނާނެ ގިނަ ސިފަތައް ކަށަވަރުވެގެން ދާނެކަމެވެ.

ޝޯމީގެ ސީއީއޯ ލީ ޖިން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އިލެކްޓްރިކް ކާރު ޗައިނާގައި ވިއްކާނީ 100،000-300،000 ޔެން (47،000 ޑޮލަރު) އާ ދެމެދުގެ އަގުތަކެއްގަ އެވެ.