Last Updated: April 29, 17:34
Monday, April 29, 2024
މުނިފޫހިފިލުވުން

ހެރީ ސްޓައިލްސްގެ ތިން ވަނަ ސޯލޯ އަލްބަމެއް

އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް "ވަން ޑިރެކްޝަން" ގެ މެމްބަރު ހެރީ ސްޓައިލްސް ތިން ވަނަ ސޯލޯ އަލްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ.

މެއި މަހުގެ 20 ގައި ނެރެން ނިންމާފައިވާ އަލްބަމްގެ ނަމަކީ "ހެރީސް ހައުސް" އެވެ. މި އަލްބަމްގެ ވާހަކަ އޭނަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަށާވީސް އަހަރުގެ ފަންނާނުގެ އާ އަލްބަމް ކޮލަމްބިއާ ރެކޯޑްސް އާއި އާސްކައިން ރެކޯޑްސްގެ ތައްގަނޑުގައި ނެރޭ އިރު، އޭގައި 13 ލަވަ ހިމެނޭނެ އެވެ. އެކަމަކު އަދި ޓްރެކް ލިސްޓް އާންމެއް ނުކުރެ އެވެ.

ސްޓައިލްސް އެންމެ ފަހުން ނެރުނު އަލްބަމަކީ 2019 ގެ "ފައިން ލައިން" އެވެ. އަދި އޭނަގެ ފުރަތަމަ ސޯލޯ އަލްބަމަކީ 2017 ގެ "ހެރީ ސްޓައިލްސް" އެވެ.

"ވަން ޑިރެކްޝަން" 2015 ގައި ރޫޅި އޭގެ މެމްބަރުން ސޯލޯ އާޓިސްޓުންގެ ގޮތުގައި މަސައްކަތްކުރަން ފެށި ފަހުން، ސްޓައިލް އަންނަނީ ފިލްމުތަކުގައި ވެސް މަސައްކަތްކުރަމުންނެވެ. ދެހާސް ސަތާރައިގެ "ޑަންކާކް" އާއި މިދިޔަ އަހަރުގެ "އެޓާނަލްސް" އިން ވެސް ފެނިފައިވާ ފަންނާނުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޑޯންޓް ވޮރީ ޑާލިން" އާއި "މައި ޕޮލިސްމޭން" ހިމެނެ އެވެ.