Last Updated: April 25, 12:03
Thursday, April 25, 2024
ވިޔަފާރި

"ނަތިން" މިހާރު ތައްޔާރު ވަނީ ފޯނެއް ނެރެން

ޓެކް ކންފުނި "ނަތިން" އިން މިދިޔަ އަހަރު ނެރުނު ކުންފުނީގެ ފުރަތަމަ އުފެއްދުން އިއަބަޑް އަށް ފަހު، ސްމާޓްފޯނެއް ނެރެން ތައްޔާރުވެއްޖެ އެވެ. އަދި މިއީ އާދައިގެ އުފެއްދުމަކަށް ވެސް ނުވާނެ އެވެ. ސަބަބަކީ މެއި/ޖޫން ހިސާބުގައި ނެރެން ނިންމާފައިވާ ފޯނަކީ، ސްމާޓްފޯނުގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމަށްވާ އެޕަލްގެ އައިފޯނާ ވާދަކުރަން ނެރޭ އެއްޗަކަށްވުމެވެ.

ފޯނަށް ކިޔަނީ "ނަތިން ފޯން 1" އެވެ. މި ނެރެން ތައްޔާރުވާ ވާހަކަ "ނަތިން" ގެ ބާނީ ކާލް ޕީ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނަ އަކީ ޗައިނާގެ ވަން ޕްލަސް ވުޖޫދަށް ގެނައުމުގައި ހިއްސާވި އެކެކެވެ. އެ ކުންފުނިން ވަކިވެ، ކާލް "ނަތިން" އުފެއްދީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ކުންފުނީގެ ފުރަތަމަ ފޯން ނެރެން ތައްޔާރުވާ އިރު މިއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ރަސްމީކޮށް ނެތެވެ. އެކަމަކު މިއީ އެޕަލްގެ އައިފޯންތަކާ ވާދަކުރެވޭ ފެންވަރުގެ ވަރަށް ވެސް ޒަމާނީ ޓެކްނޮލޮޖީގެ ގޮތުން ވަރުގަދަ ފޯނަކަށްވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ނަތިން" ގެ އިއަބަޑް ގޮތަށް ފޯނު ވެސް ވާނީ ޓްރާންސްޕޭރަންޓް ޑިޒައިން އިލެމަންޓްތައް އެކުލެވޭ އެއްޗެކަށެވެ.

"ނަތިން ފޯން 1" އާ ބެހޭ ގޮތުން ކާލް ބުނެފައި ވަނީ މިއީ ވަރަށް "ކޫލް" ފޯނަކަށް ވާނެ ކަމަށެވެ. އަދި މީގެ ޑިޒައިން ޓީމް ކުރި މަސައްކަތަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށް ބުންޏެވެ. އެހެންވެ ދެން އޮތީ ފޯނު ނެރޭނެ އިރަކަށް އިންތިޒާރުގައި ތިބުމެވެ.