Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު ހައްޔަރުކޮށްފި

ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފި އެވެ.

ފުލުހުން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ ޕީޕީއެމް އޮފީސް ސަރަހައްދުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޕީޕީއެމް އޮފީސް ސަރަހައްދުގައި ތިބި އެސްއޯ ފުލުހުންނެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިން "ނޭވާ ހޮޅިއަށް" ގެ ނަމުގައި އެއްވުމެއް ވަނީ ފަށާފަ އެވެ.

މި އެއްވުމުގައި އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުން ވެސް ބައިވެރިވަމުންދާއިރު، އެއްވުން ކުރިއަށް ގެންދަން ފުލުހުން އަންނަނީ ހުރަސް އަޅަމުންނެވެ. އެގޮތުން ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދު ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގައި ގިނަ އަދަދަކަށް އެސްއޯ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި އެއްވުން ފެށުމުގެ ކުރިން ފުލުހުން ވަނީ މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފަ އެވެ. ނަރީޝް ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ އެވެ.

އިދިކޮޅުން އެއްވުން ބާއްވަމުންދާއިރު ފުލުހުން ވަނީ މި އެއްވުމަކީ ގާނޫނީ އިމުގެ ތެރެއިން ބާއްވާ އެއްވުމެއް ކަމަށް ނުބެލެވޭތީ މި އެއްވުން ނުބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް އަންގާފަ އެވެ.

މީގެއިތުރުން ފުލުހުން ވަނީ މި އެއްވުމުގައި ބައިވެރިވެ، ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހި ކުރުވާ ކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މި އެއްވުން ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ބުނެފަ އެވެ.