Last Updated: July 5, 20:34
Saturday, July 5, 2025
ދުނިޔެ

ސްޕޮޓިފައި ރަޝިއާގައި ހުއްޓާލަނީ

މިއުޒިކާއި ޕޮޑްކާސްޓް ކޮންޓެންޓްތަކަށް ހާއްސަ ސްޓްރީމިން ޕްލެޓްފޯމް، ސްޕޮޓިފައިގެ ހިދުމަތް ރަޝިއާ އަށް ދިނުން ހުއްޓާލަން ނިންމައިފި އެވެ.

މި ނިންމުމަކީ އެ ގައުމުން ޔުކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމާ ގުޅިގެން ދަތިކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

ސްޕޮޓިފައި އިން އިން ބުނި ގޮތުގައި ހަނގުރާމަ އަށް މިހާރު ދެ މަހެއްހާ ދުވަސްވެފައިވާ އިރު، ސްޓްރީމިން ހިދުމަތް މެދުކަނޑާނުލައި މިހާތަނަށް މަޑުކުރީ މައުލޫމާތު ފޯރުކޮށް ދިނުމާއި ފެތުރުމުގެ މުހިއްމުކަމާ ހެދި އެވެ. އެކަމަކު ރަޝިއާގެ ކޮޅަށް ބުރަނުވެ ގެނެސްދޭ ކޮންޓެންޓްތަކަކީ ދޮގު ހަބަރު ފެތުރުން ކަމަށް ބުނެ އެކަމުގެ އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާނެކަމުގެ ބިރު ގާނޫނަކުން ދައްކާފައިވާތީ ހިދުމަތް މި ވަގުތު އެއްކޮށް ހުއްޓާލަން ނިންމީ ކަމަށް ސްޕޮޓިފައި އިން ބުންޏެވެ.

"މި ނިންމުމަކީ އުނދަގޫ ނިންމުމެއް ވެސް މެ. އެކަމަކު ރަޝިއާ އަށް ހިދުމަތް މި ވަގުތު ދިނުމަކީ ޒިންމާދާރު ކަމެއް ވެސް ނޫން." ސްޕޮޓިފައި އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ސްވިޑްންގެ ކުންފުނިން މި މަހުގެ ކުރީކޮޅު ވަނީ ކްރެމްލިން އިން ވާގިދޭ އާރްޓީ އާއި ސްޕަޓްނިކްގެ ކޮންޓެންޓްތައް ވެސް ސްޕޮޓިފައި އިން ނަގައި، ރަޝިއާގައި ހުރި އޮފީސް ވެސް މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ.

ޔުކްރޭން ހަނަގުރާމައާ ވިދިގެން ރަޝިއާ އަށް އެތައް ކުންފުންޏެއްގެ ވިޔަފާރި އާއި ހިދުމަތްތައް މިހާރު އޮތީ ހުއްޓާލައިފަ އެވެ.