Last Updated: April 28, 11:20
Sunday, April 28, 2024
ޚަބަރު

ނަޝީދާ ހިޔާލު ބަދަލުވިޔަސް ފަހަތަށް ޖެހެވޭކަށް ނެތް

އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދާ ހިޔާލު ބަދަލުވިޔަސް ފަހަތަށް ޖެހެވެން ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކެމްޕޭނުގައި މިއަދު ގދ.ފަރެސްމާތޮޑާ އަށް ވަޑައިގެން ކެމްޕޭން ޓީމާ ބައްދަލުކުރައްވާ ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ނަޝީދު ބާކީކުރަން ވެސް އަދި އެކަހެރިކުރަން ވެސް އަދި ޕާޓީން ބޭރުކުރަން ވެސް އެއްވެސް ކަހަލަ ނިޔަތެއް ނެތް ކަމަށާއި މި މަސައްކަތް ފެށީ ނަޝީދުގެ ވެސް އެހީތެރިކަމާއެކު ކަމަށެވެ.

"އަޅުގަނޑު މިކަން ފެށީ ރައީސް ނަޝީދުގެ ވެސް އެހީތެރިކަމާ އެއްކޮށް، ދެން ހިޔާލު ފަހުން ބަދަލުވީ. އަޅުގަނޑަކީ ސިޔާސީ މީހެއް. އިންތިހާބަކުން ބަލިވުމަކީ އަޅުގަނޑަށް މައްސަލައެއް ނޫން. ފަހަތަށް ޖެހުމަކީ އަޅުގަނޑަށް މައްސަލައެއް. އެހެންވީމަ ފަހަތަށް ޖެހެވޭކަށް ނެތް" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޗެއާޕާސަން ކަމަށް އިންތިހާބުވެއްޖެނަމަ މަސައްކަތް ކުރާނީ ޕާޓީގެ ރައީސް އާއި އިސް ލީޑަރާއި އަދި ރައްޔިތުންގެ މެމްބަރުންނާއި، ދާއިރާގެ ރައީސުންގެ އިތުރުން ގޮފީ މެމްބަރުންނާއި އާންމު މެމްބަރުންނާ އެއްކޮށް އެކައްޗެއް ކިޔައިގެން ޕާޓީ އަށް ކުރިއަށްގެންދަން ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް ގާއިމުކުރެވެންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ޕާޓީ ހިންގާލެވިގެން ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. އަދި ޕާޓީ ހިނގާ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަަމަވެސް އެކަން ގަބޫލުނުކުރެވޭ ކަމަށާއި އެގޮތުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުމަށްފަހު ވެރިކަން ކުރާ ޕާޓީއަކަށް ވުމުން އެކަން ކުރަންޖެހޭ ގޮތަށް ނުކުރެވޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. މި އިންތިހާބު އޮންނާނީ އަންނަ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.