Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ތިޖޫރީގެ ތަޅުދަނޑި ވެސް އިންޑިއާއަށް ދީފި: ސައީދު

މެމްބަރު މުހައްމަދު ސައީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހި ދައުލަތުގެ ތިޖޫރީގެ ތަޅުދަނޑި ވެސް އިންޑިއާއަށް ދީފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ރާއްޖޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އާއި އިންޑިއާގެ އެފްއައިޔޫ އާއެކު ހެދި އެއްބަސްވުމަކަށް އިޝާރާތްކޮށެވެ.

އެކަމާ ގުޅިގެން ސައީދު ވިދާޅުވީ އެންމެފަހުން ނޭވާ ހޮޅި އާއި ގޮހޮރު ވެސް ތަބަކަކަށް ލާފައި އިންޑިއާ އަށް ވެދުމަށް އަރުވާފައިވާ ކަމަށެވެ. އަދި މި ސަރުކާރަށް ކުރެވޭ ކަންކަން އަމިއްލައަށް ވެސް ނޭނގޭ ހިސާބަށް ގޮސް ތިޖޫރީގެ ވަތްގަނޑާއި ތަޅުދަނޑި އާއި ސިއްރުތައް ވެސް އިންޑިއާ އަށް ދީފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ފުލުހުންނާއި ސިފައިން ދެން ކޮން ޤައުމީ ސަލާމަތެއްތޯ ހިމާޔަތްކުރަން އޮތީ" ސައީދު ވިދާޅުވި އެވެ.

އިންޑިއާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ވާހަކަތައް އަންނަނީ ދައްކަމުންނެވެ. އެގޮތުން އޭގެތެރެއިން ބައެއް އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް ނުރައްކާވާ ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދާދިފަހުން ވަނީ އިންޑިއާ އާއެކު ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ޕީޕީއެމްގެ ސަރުކާރެއްގައި އުވާލާނެ ކަމަށް ވިދާޅުވެފަ އެވެ.