Last Updated: April 29, 11:31
Monday, April 29, 2024
ޚަބަރު

އައްޑޫގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑަށް އަލުން ހުޅުވާލައިފި

އަައްޑޫގެ ޓޫރިޒަމް ޒޯނަކާ ބެހޭ މައުލޫމާތު ޓޫރިމް މިނިސްޓަަރު ޑރ. އަބްދުﷲ މައުސޫމަށް ދެނީ.

އައްޑޫގެ ޓޫރިޒަމް އެޑްވައިޒަރީ ބޯޑަށް ކުރިމަތިލާން ކައުންސިލުން އަލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އައްޑޫގެ ޓޫރިޒަމްގެ ކޮމިޓީގެ ދަށުން އެކުލަވާލަން ނިންމާފައިވާ އެޑްވައިޒަރީ ބޯޑަށް ކުރިމަތިލާން ކުރިން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވައިލުމުން މުއްދަތު ހަމަވި އިރު އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ އަލުން އެ ފުރުސަތު ހުޅުވާލައި މިހާރު ސުންގަޑި އަކީ އަންނަ މަހުގެ 7 ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ޓޫރިޒަމް އެޑްވައިޒަރީ ބޯޑަށް މީހުން ހޮވުމުގައި ޓޫރިޒަމް ދާއިރާގެ ފަންނީ، އިލްމީ އަދި ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދޭނެ ކަމަށެވެ.

އައްޑޫގައި ޓޫރިޒަމް ދާއިރާ ތަރައްގީކޮށް ފުޅާކުރަން އެކި މަޝްރޫއުތައް މިހާރު ވެސް ރޭވިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރަން ކައުންސިލުން ފަށާފައި އޮތް ލޯކަލް ޓޫރިޒަމް ޕްރޮޖެކްޓާއި ގަމުގެ ދޫގަހުގައި 120 އެނދުގެ ސިޓީ ހޮޓަލެއް ހެދުމާއި ހަންކެޑެ ސަރަހައްދުގައި ވެސް ޓޫރިޒަމްގެ ޕްރޮޖެކްޓްތަކެއް ހިންގުން ފަދަ ކަންކަން ހިމެނެ އެވެ.

މި ވަގުތު އައްޑޫގައި އޮތީ ތިން ރިސޯޓެވެ. އެއީ ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާގެ އިތުރުން ކެނަރީފާއި އެންމެ ފަހުން އައްޑޫގައި ތަރައްގީކުރި ސައުތު ޕާމް ރިސޯޓެވެ. އައްޑޫގައި މި ވަގުތު ހުރި އެންމެ ދުވަސްވީ ޓޫރިސްޓް ފެސިލީޓީ އަކީ ގަމުގެ އީކްއޭޓަ ވިލެޖެވެ.

އައްޑު އަކީ މިހާރު ގެސްޓްހައުސް ވެސް އިތުރުވަމުން އަންނަ ތަނެކެވެ. މި އަހަރުގެ ތެރޭގައި އައްޑު އަށް ހޯމްސްޓޭ ޓޫރިޒަމް ވެސް ތައާރަފުކުރަން ހަމަޖެހިފައިވެ އެވެ.