Last Updated: April 29, 21:20
Monday, April 29, 2024
ޚަބަރު

މުޑުދާރު ކަންކަން އެމްޑީޕީ ތެރެއަށް ވަދެއްޖެ: ހަސަން

ހަސަން ލަތީފް-- ފޮޓޯ: މިހާރު

މުޑުދާރު ކަންކަން އެމްޑީޕީގެ ތެރެއަށް މިހާރު ވަދެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕޭނު ބައްދަލުވުމެއް ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ބޭއްވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ހަސަން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުތަކުގައި ކުރެއްވެވި މުޑުދާރު ކަންކަން މިއަދު އެމްޑީޕީގެ ތެރެއަށް ވަދެއްޖެ ކަމަށެވެ. އެގޮތުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މުވައްޒަފުންނަށް މަޖުބޫރު ކުރުވަން ފަށާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވަނީ އެކަންކަން ހުއްޓުވައި ދިނުމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މުގައްރިރު އަނަސް އަބްދުއްސައްތާރުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. އިންތި ގެންދަވަނީ މި އިންތިހާބަށް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެ ވާހަކަތައް ފައްޔާޒުގެ ކެމްޕޭނު ޓީމުން ވަނީ ދޮގުކޮށްފަ އެވެ.