Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ސަގާފީ ތަރިކަ އަަށް ގެއްލުންވާ ގޮތަށް މަސައްކަތް ނުކުރޭ

ޔުމްނާ މައުމޫން-- ފޮޓޯ: ރައީސް އޮފީސް

ސަގާފީ ތަރިކަ އަަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ނުކުރަން މިނިސްޓްރީ އޮފް އާރޓް ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފި އެވެ.

ހެރިޓޭޖް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދުގައި ބުނާ ސަގާފީ ތަރިކައާ ގުޅޭ މަސައްކަތްތައް ކުރުމުގެ ކުރިން ހެރިޓޭޖް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި ތަރައްޤީގެ އެއްވެސް މަޝްރޫއުއެއް ކުރިއަށްގެންދިއުމުގެ ކުރިން ސަގާފީ ތަރިކައަށް ގެއްލުމެއްވެދާނެތޯ ބަލަންޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ، އަދި ރާއްޖޭގެ ޤާނޫނުގެ ބާރު ހިނގާ ސަރަޙައްދުގައި ދިރިއުޅޭ ކޮންމެ ފަރާތެއްގެ، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަރާތެއްގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ މި ފަހަކަށް އައިސް ރަށްރަށުގައި ހުރި އާސާރީ މިސްކިތްތަކާއި ވެވުތަކާއި ހަވިއްތަ ފަދަ އާސާރުތަކަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ކުރަމުންދާކަމުގެ ކަންބޮޑުވުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި ބައެއް ކައުންސިލުތަކުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދާ އެސެސްމަންޓް ހެދުމެއް ނެތި އަދި ހެރިޓޭޖްގެ ހުއްދައަކާ ނުލައި ކުރިއަށްގެންދާކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

މީގެއިތުރުން އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތެއް ނުހޯދައި، އެ ތަންތަނަށް ކުރާނެ އަސަރަށް ބެލުމެއްނެތި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދިއުން ވެގެންދާނީ އެ ތަރިކައެއް ނިސްބަތްވާ ރަށަކާއި މުޅި ރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ލިބޭ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކަމުގައި ހެރިޓޭޖް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ވަނީ ސަގާފީ ތަރިކައާ ގުޅޭ ތަންތަނުގަގަޔާއި މިތަންތަނުގެ ކައިރީގައި ކުރާ މަސައްކަތްތައް ސަގާފީ ތަރިކައިގެ ޤާނޫނުގައިވާ ގޮތުގެ މަތިން ކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މި ޤާނޫނުގަ ބަޔާންކުރާ ލޯކަލް ކައުންސިލުތަކުގެ ޒިންމާ އެ ކައުންސިލުތަކުން ކުރުމަށާއި އާންމު ފަރާތްތަކުގެ ޒިންމާ އެ ފަރާތްތަކުން އަދާކޮށް ޤާނޫނަށް ހުރުމަތްތެރިކޮށް ހިތައި އަމަލުކުރުމަށް ވަނީ ހަނދާންކޮށްދީފަ އެވެ.