Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

ޓްވީޓްތައް އެޑިޓްކުރެވޭ ފީޗާ ޓެސްޓްކުރަނީ

ވަރަށް ގިނަ ބަޔަކު އެދެމުން އައި ފީޗާއެއް ކަމަށްވާ، ކުރާ ޓްވީޓްތައް އެޑިޓްކުރެވޭ ފީޗާ "އެޑިޓް ބަޓަން" މިހާރު ޓެސްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ޓްވިޓާ އިން ބުނެފި އެވެ.

އެތަނުން މި ވާހަކަ ބުނެފައި މި ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ޓްވިޓާގެ ހިއްސާ ގަތްތާ މާ ގިނަ އިރުތަކެއް ނުވަނީސް "އެޑިޓް ބަޓަން" ބޭނުންތޯ އަހައި އާންމުންގެ ހިޔާލު ވެސް ހޯދަން ޓްވިޓާގައި ޕޯލަކަށް ހުޅުވާލައި ގިނަ ބަޔަކު އެ ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށެވެ. އިލޮންގެ ޕޯލަށް ވޯޓްދިން މީހުންގެ ތެރެއިން 73.6 ޕަސެންޓް ބުނެފައި ވަނީ "އެޑިޓް ބަޓަން" ބޭނުން ކަމަށެވެ. ނޫން ކަމަށް ބުނެފައި ވަނީ 26.4 ޕަސެންޓް މީހުންނެވެ.

ނަމަވެސް ޓްވިޓާ އިން ބުނީ "އެޑިޓް ބަޓަން" ފީޗާ ގެނައުމަކީ އެތަނުން ކުރިން ވެސް ވިސްނަމުން އައި ކަމެއް ކަމަށާއި މިއީ ވަކި ޕޯލެއްގެ ނަތީޖާއަކަށް ބުރަވެ ކުރަން އުޅޭ ކަމެއް ނޫން ކަމަށެވެ. ޓްވިޓާ އިން ބުނީ އެ ފީޗާ ދެން މާ ލަސްތަކެއް ނުވެ ޓެސްޓްކުރަން ފަށާނެ ކަމަށެވެ.

ޓްވިޓާ އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެކައްޗެކެވެ.

މީގެ 9.2 ޕަސެންޓް ހިއްސާ އީލޮން ގަތީ 2.89 ބިލިއަން ޑޮލަރަށެވެ. މިއާ އެކު އޭނާ ވެފައި ވަނީ ޓްވިޓާގެ ހިއްސާގެ ބޮޑުބައެއް ކޮންޓްރޯލްކުރާ ހަމައެކަނި ފަރުދަށެވެ.