Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

ގޭމް ކުންފުންޏެއް މުއްހަމަދުގެ ކޮންޓްރޯލްގެ ދަށަށް

"މެޓަލް ސްލަގް" އާއި "ފޭޓަލް ފިއުރީ" ފަދަ މަގުބޫލު ވީޑިއޯ ގޭމްތައް އުފެއްދި ޖަޕާންގެ ގޭމް ކުންފުނި، އެސްއެންކޭ ކޯޕަރޭޝަން މިހާރު ސައުދީ އަރަބިއްޔާގެ ވަލީއަހުދު ސަލްމާން ބިން މުހައްމަދުގެ ކޮންޓްރޯލްގެ ދަށަށް ހިނގައްޖެ އެވެ.

މުހައްމަދުގެ މުހައްމަދު ބިލް ސަލްމާން ފައުންޑޭޝަން (މިސްކް ފައުންޑޭޝަން) އިން މިހާރު ވަނީ އެ ކުންފުނީގެ 96.18 ޕަސެންޓް ހިއްސާ ގަނެފަ އެވެ. އެ ފައުންޑޭޝަނުން 2020 ގައި އެންމެ ފުރަތަމަ ގަންނަން ބޭނުންވީ އެސްއެންކޭގެ 33.3 ޕަސެންޓް ހިއްސާ އެވެ. އެކަމަކު ދެ ފަރާތުގެ މެދުގައި ކުރެވުނު މުއާމަލާތުގެ ތެރެއިން 51 ޕަސެންޓް ހިއްސާ ވެސް ލިބުނެވެ.

އަދި އެންމެ ފަހުން މިހާރު އެތަނުގެ ހިއްސާގެ ބޮޑުބައި މިހާރު އޮތީ މިސްކް ފައުންޑޭޝަނަށެވެ. މިކަމާ ބެހޭ ގޮތުން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އަމާޒަކީ އެސްއެންކޭ ފަދަ ކުންފުނިތަކުގެ މަސައްކަތުގެ ތެރެއިން ސައުދީގެ ދެ ޖިންސްގެ މީހުން ބާރުވެރިކޮށް، ކުރިއެރުވުން ކަމަށެވެ.

"އެހެންވީމާ ގޭމިން އިންޑަސްޓްރީގެ ތެރެއިން އަހަރެމެންނާއި އެސްއެންކޭ ގުޅިގެން ކުރެވޭ މަސައްކަތްތައް ފުޅާވެ، މުއްސަނދިވެގެން ދާނެ." މިސްކް ފައުންޑޭޝަނުން ބުންޏެވެ.

މި ފަހުން ސައުދީން އަންނަނީ ގޭމިން އިންޑަސްޓްރީ އަށް ވަރަށް ބޮޑަށް އިންވެސްޓްކުރަމުންނެވެ. އެގޮތުން އެ ގައުމުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ޖަޕާންގެ ގޭމް ކުންފުނި، ކެޕްކޮން އާއި ދެކުނު ކޮރެއާގެ ގޭމް ކުންފުނި، ނެކްޒަންގެ ފަސް ޕަސަންޓް ހިއްސާ އަށް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އިންވެސްޓްކޮށްފައިވެ އެވެެ.