Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

އެމެޒޯންގެ އިންޓަނެޓް ވިއުގަ އަށް އިތުރު ކުންފުނިތަކެއް

އޮންލައިން ވިޔަފާރީގައި ދުނިޔޭގައި އެންމެ މަޝްހޫރު ކުންފުނި ކަމަށްވާ އެމެޒޯނުން ސެޓެލައިޓް ފައުޖަކާ އެކު ބިނާކުރަން ނިންމާފައިވާ އިންޓަނެޓް ވިއުގެ މަޝްރޫއު ކުރިއަށް ގެންދަން އިތުރު ތިން ކުންފުންޏަކާ އެކު އަންގާރަ ދުވަހު އެއްބަސްވުން ހަދައިފި އެވެ.

އެ ތިން ކުންފުންޏަކީ ރޮކެޓް ކުންފުނިތައް ކަމަށްވާ ބޮއެން އާއި ލޮކްހީޓް މާޓިންގެ ޖޮއިންޓްވެންޗަ ކުންފުނި ޔުނައިޓެޑް ލޯންޗް އެލައިންސް (ޔޫއެލްއޭ) އާއި ޔޫރަޕްގެ ކުންފުންޏެއް ކަމަށްވާ އެރިއެނެސްޕޭސްގެ އިތުރުން އެމެޒޯންގެ ވެރިޔާ އަދި ދެވަނަ އަށް އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން އެވެ.

އެމެޒޯނުން "ކްއިިޕާ ކޮންސަޓެލޭޝަން" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސެޓެލައިޓް އިންޓަނެޓް ވިއުގައިގެ ދަށުން ޖުމްލަ 3،236 ސެޓެލައިޓް ލޯންޗްކުރަން ހަމަޖެހިފައިވެ އެވެ. އެކަމަށް 83 ލޯންޗިން އަށް ކުރިއަށް ގެންދަން ޖެހެ އެވެ. އަދި އެކަން ފުރިހަމަކުރަން ފަސް އަހަރުގެ މުއްދަތެއް ނަގާނެ އެވެ.

އެމެޒޯންގެ "ކްއިިޕާ ކޮންސަޓެލޭޝަން" އަށް އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަންސް (އެފްސީސީ) އިން ހުއްދަ ދިނީ 2020 ގެ ޖުލައި މަހުގެ ތެރޭގަ އެވެ.

މިހާރު އަމާޒު ހިފާފައިވާ ގޮތުން މި ވިއުގަ ބިނާކުރަން އެމެޒޯނާ ގުޅުނު ތިން ކުންފުންޏާ އެކީ ކުރެވޭ މަސައްކަތްތައް އަންނަ އަހަަރުގެ ތެރޭގައި ފަށާނެ އެވެ. އެކަމަކު ސެޓެލައިޓްތައް ރަސްމީކޮށް ލޯންޗްކުރަން ފަށާނެ އިރަކާއި މިކަމާ ބެހޭ އިތުރު ތަފުސީލުތަކެއް ހާމައެއްނުކުރެ އެވެ.

އެމެޒޯންގެ ޑިވައިސެސް އެންޑް ސާވިސެސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ލިމްޕް ވިދާޅުވީ އިންޓަނެޓް ވިއުގަ ބިނާކުރަން ކުރިއަށް ގެންދާ މަޝްރޫއަށް އެތައް ބިލިއަން ޑޮލަރެއް ހޭދަވާނެ ކަމަށެވެ.

"މިކަމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ފަހު އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ސެޓެލައިޓްތަކަށް ޓެސްޓަކަށް ލޯންޗްކުރުން." އޭނާ ވިދާޅުވި އެވެ.

ޑޭވިޑް ވިދާޅުވި ގޮތުގައި ރާވާފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ 2026 އާ ހަމައަށް އަންނަ އިރު 1،600 އަށް ވުރެ ސެޓެލައިޓް ލޯންޗްކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމެޒޯންގެ އިންޓަނެޓް ވިއުގައާ އެކު، އިންޓަނެޓްގެ ސްޕީޑާއި އަގަށް ވެސް އިންގާލާބީ ބަދަލުތަކެއް އަންނާނެ އެވެ.

ސެޓެލައިޓް ވިއުގައަކާ އެކު މިހާރު އިންޓަނެޓް ވިއުގައެއް "ސްޓާލިންކް" ގެ ނަމުގައި ކާމިޔާބުކޮށްފައި ވަނީ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިންނެވެ. އެ ކުންފުނީގެ އިންޓަނެޓް މުޅި ދުނިޔެ އަށް މިހާރު އަންނަނީ ފުޅާވަމުންނެވެ. އެ ހިދުމަތް ލިބެން ފެށީ 2020 ގަ އެވެ.