Last Updated: April 19, 22:45
Friday, April 19, 2024
ވިޔަފާރި

ޓެސްލާ އިން ސްމާޓްފޯނު ނެރެނީ

މަހުޖަނު އީލޮން މަސްކްގެ ކާރު ކުންފުނި، ޓެސްލާ އިން މިހާރު ސްމާޓްފޯނެއް ނެރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި " މޮޑެލް ޕައި" ގެ ނަން ދީފައިވާ މި ފޯނުގެ ފުރަތަމަ މޮޑެލް ނެރޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފަހުކޮޅު ނުވަތަ 2024 ގެ ކުރީކޮޅު އެވެ. މިހާރު އިލެކްޓްރިކް ކާރު އުފެއްދުމުގައި ރަސްކަންކުރަމުން އަންނަ ޓެސްލާ އިން ސްމާޓްފޯނު އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް ވަން ކަމަށް މީޑިއާތަކުން ބުންޏަސް އެކަން އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

ބައެއް މީޑިއާތަކުން ބުނީ ވަރަށް ސިއްރިޔާތުގައި "މޮޑެލް ޕައި" ގެ މަސައްކަތް ކުރިއަށްދާތާ މިހާރު ދުވަސްތަކެއްވެއްޖެ ކަމަށާއި ފޯނާ ބެހޭ ވާހަކަތައް ޓެސްލާ އިން އާންމުކުރާނެ ކަމަށް ގަބޫލުކުރެވެނީ ނެރުމާ ކައިރިކޮށްފައި ކަމަށެވެ. އީލޮންގެ ކުންފުންޏަކުން ސްމާޓްފޯނެއް ނެރުމަކީ މާ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ. އޭނަ އަކީ އަބަދު ވެސް އާ ކަންކަން ކުރަން ބޭނުންވާ އަދި މިހާރު ސެޓެލައިޓް ފައުޖަކާ އެކު "ސްޓާލިންކް" ގެ ނަމުގައި އިންޓަނެޓް ވިއުގައެއް ވެސް ބިނާކޮށްފައިވާ މީހެކެވެ. އެއީ އޭނަގެ ޖައްވީ ކުންފުނި، ސްޕޭސް އެކްސްގެ ދަށުންނެވެ.

މީޑިއާތަކުން ބުނި ގޮތުގައި ސްޕާޓްފޯނު ނެރޭނީ ވެސް "ސްޓާލިންކް" ނެޓްވޯކް ލިބޭ ގޮތަށް ވަރަށް ހާއްސަ ފީޗާތަކެއް ވެސް ހިމަނައިގެން، މާކެޓްގައި މިހާރު ހުރި ފޯނުތަކާ ވާދަކުރެވޭ ވަރުގެ ވަރުގަދަ އުފެއްދުމެއްގެ ގޮތުގަ އެވެ. އަދި މިއީ އީލޮން އަބަދު ވެސް ވަކާލާތުކުރަމުން އަންނަ އެއް ދާއިރާ ކަމަށްވާ "ނިއުރާލިންކް" ވެސް ގުޅިލާމެހިފައިވާ އުފެއްދުމަކަށް ވާނެ އެވެ. "ނިއުރާލިންކަކީ" ޓެކްނޮލޮޖީގެ ތެރެއިން އިންސާނުންގެ ވިސްނުމާއި އިހުސާސްތައް ކޮންޓްރޯލްކޮށްދޭ އެއްޗެކެވެ.

ފޯނު އުފެއްދުމާ ބެހޭ އެއްވެސް ވާހަކައެއް ޓެސްލާ އިން ނުދެއްކިޔަސް އެ ކުންފުނީގެ ފޯނު އޮންނާނެ ގޮތުގެ ތަސައްވުރުގެ ފޮޓޯތަކާއި ވީޑިއޯ ކަމުގެ ތަޖުރިބާކާރުން އާންމުންނަށް ތިލަ ވެސް ކޮށް ދީފައިވެ އެވެ. ތިރީގައި މިއޮތީ އެފަދަ ވީޑިއޯއެކެވެ.