Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ޕީޕީއެމަށް ދަރުހުގެ ހުއްދަ ނުދިން މައްސަލަ މަޖިލީހަށް

މެމްބަރު އާދަމް ޝަރީފް އުމަރު--

ކިންގް ސަލްމާން މިސްކިތުގައި ދީނީ ދަރުހެއް ބާއްވަން ޕީޕީއެމް އަށް ހުއްދަ ނުދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ވެއްދީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރެވެ.

އެ މައްސަލާގައި ބުނެފައިވަނީ މި ރޯދަ މަހު މިސްކިތްތަކުގައި ދަރުސް ދިނުމުގެ ހުއްދަ ސިޔާސީ ޕާޓީތަކަށް ދޫކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވި ކަމަށް ރާއްޖޭގެ ނޫސްތަކުގައި އާންމުކުރުމާ ގުޅިގެން ޕީޕީއެމްގެ ފަރާތުން ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދަ އަށް އެދި މި މަހުގެ ހަވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

މި ސިޓީއާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ފޯނުން އެންގެވި ކަމަށާއި ނަމަވެސް މި މަހުގެ އަށްވަނަ ދުވަހުގެރޭ އަދާލަތު ޕާޓީން ޝަހީދު އަލީ މިސްކިތުގައި އެ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުހެއް ބާއްވާފައިވާ ކަމަށް ބުނެފައިވެ އެވެ.

"ސިޔާސީ ޕާޓީގެ ލޯގޯ ޖަހައިގެން ދަރުސް ދިނުމުގެ ހުއްދަ ނުދެއްވަން ނިންމި ކަމަށް ވިދާޅުވި ނަމަވެސް، އަދާލަތު ޕާޓީ އަށް އެ ފުރުސަތު ދެއްވަމުން ގެންދަވާކަން ވަނީ ފާހަގަކުރެވިފައި." އެ މައްސަލާގައި ބުނެފައިވެ އެވެ.

މި މައްސަލާގައި ވަނީ ޕީޕީއެމުން ފޮނުވި ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބު ދީފައި ނުވާތީ އާއި ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅެނީ ކީއްވެގެންތޯ އާއި ދީނީ ދަރުސް ދިނުމަށް މިސްކިތްތައް ދޫކުރާ އުސޫލެއް ކަނޑައަޅާފައިވޭތޯ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބަލައިދިނުމަށް އެދިފަ އެވެ.