Last Updated: May 3, 01:04
Saturday, May 3, 2025
މުނިފޫހިފިލުވުން

"ބައްޗަން ޕާންޑޭ" ހުކުރު ދުވަހު އެމެޒޯން ޕްރައިމަށް

މިދިޔަ މަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "ބައްޗަން ޕާންޑޭ" އަންނަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބޮކްސް އޮފީހުގައި މި ފިލްމަކީ މާ ހިނގި ފިލްމެއް ނޫން ނަމަވެސް މިއީ "މަސާލާ" ފިލްމުތަކަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ހުރިހާ ރަހަތަކެއް ހެޔޮވަރުކޮށްގެން ގެނެސްދިން އެކްޝަން ކޮމެޑީއެކެވެ. އަކްޝޭ ކުޅުނު އެތައް ފިލްމެއް ޕްރޮޑިއުސްކުރި ސާޖިދު ނަދިއަދުވާލާގެ "ބައްޗަން ޕާންޑޭ" އަކީ "ހައުސްފުލް" ސީރީޒްގެ އެންމެ ފަހު ދެ ފިލްމު ވެސް ޑައިރެކްޓްކުރި ފަރުހާދު ސަމްޖީގެ ޑައިރެކްޝަނެކެވެ.

"ބައްޗަން ޕާންޑޭ" ގެ ކާސްޓްގައި ކްރިތީ ސެނަން، ޖެކްލިން ފެނާންޑޭޒް، އަރުޝަދު ވަރުސީ އަދި ޕްރަތީކް ބައްބަރް ފަދަ ތަރިން ހިމެނެ އެވެ.

ޖުމްލަ 24 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ 9.1 މިލިއަން ޑޮލަރެވެ. އެހެންވެ މިއީ ކުރި ހަރަދު ވެސް ފޫނުބެއްދުނު ފިލްމެކެވެ.

އަކްޝޭގެ ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނަން އޮތީ ޖޫން 3 އަށް ތާވަލުކޮށްފައި އޮތް ތާރީހީ އެކްޝަން ފިލްމު "ޕްރިތުވީރާޖް" އެވެ. މިއީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު ވެސް މެ އެވެ.