Last Updated: March 28, 17:47
Thursday, March 28, 2024
ރިޕޯޓް

"ބަހުގެ އެދުރު" އަޒީބެ އަށް އައްޑޫ ބަހުރުވަ ހަޖަމެއްނުވި!

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޗެނެލަކުން އައްޑޫ ބަހުރުވަ އިން ހަބަރު ގެނެސް ދިނުމަކީ މައްސަލައެއް ހެއްޔެވެ؟ ޕީއެސްއެމަކީ ދައުަތުގެ ފަރާތުން މުޅި ރާއްޖެ ތަމްސީލުކޮށްދޭ މީޑިއާއަކަށްވެފައި އޭގައި ޚަބަރުތަކާއި ޕްރޮގްރާމްތައް ގެނެސްދޭން ޖެހެނީ ހަމައެކަނި ވަކި ބަހުރުވައަކުން ހެއްޔެވެ؟ އެހެންވެ ވިއްޔާ ރަސްމީ ބަހުގެ ގޮތުގައި ރާއްޖޭގައި ބޭނުން ކުރާ "މާލޭ ބަހުރުވަ" އިން ޕްރޮގްރާމްތައް ގެނެސްދޭ ޗެނެލުން އިނގިރޭސި ބަހުން ޚަބަރުތަކާއި ޕްރޮގްރާމްތައް ގެނެސް ދިނުމަކީ ވެސް މައްސަލަަކަށް ވާން ޖެހޭނެ އެވެ.

ސޯޝަލް މީޑިއާގައި މި ވާހަކައެއް މިހާރު މާ ގަދައަށް ދެކެވެނީ ކުރީގެ އިންފޮމޭޝަން ކޮމިޝަރު އަދި ދިވެހި ބަހުގެ "އެދުރެއް" ގެ ގޮތުގައި ސިފަކުރާ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު (އަޒީބެ) މިހާރު އައްޑޫ ބަހުރުވައާ "ޖައްސާލައިގެން އުޅުއްވާތީ" އެވެ. ޕީއެސްމުން މިހާރު އައްޑޫ ބަހުން ޚަބަރުތަކެއް ގެނެސްދޭތީ އެކަމާ ކަންބޮޑުވެގެން އޭނާ ވަނީ "އަދިވެސް" ކިޔާ ނޫހެއްގައި މާ ވަރެއްގެ ވާހަކައެއް ދައްކަވައި، "ނަސްލީ ގޮތުން ދިމާކޮށްލައިފަ" އެވެ.

އެ ނޫހުގައި އަޒީބެ ލިޔުއްވާ "މާޒީ" ކޮލަމްގައި ޕީއެސްއެމުން ގެނެސްދޭން ފެށި އައްޑޫ ބަހުރުވައިގެ ޚަބަރު "ހަޖަމުނުވެގެން" އިއްޔެ ލިޔުއްވާފައި އޮތް އާޓިކަލްގެ ސުރުހީ އަކީ މިއެވެ؛ މިއީ ނުރައްކާތެރި ފެށުމެއްގެ ފެށުމެކެވެ.

"ގައުމީ ވިންދު" އުތުރު އަރައިގެން އޭނާ ލިޔުއްވާފައިވާ ގޮތުގައި ގައުމީ ޓީވީން ބަހުގެ ސިޔާސަތަށް މި ގެންނެވި ބަދަލަކީ، އެ ބޭފުޅުންގެ ނަޒަރުގައި ރަނގަޅު ނިޔަތެއްގައި ކުރެއްވި ކަމަށް ވިޔަސް މިއީ ނުރައްކާތެރި ފެށުމެއްގެ ފެށުން ކަމަށް ވެދާނެ އެވެ. އަދި މިއީ ވަކިވެގަތުމުގެ ހަރަކާތަކަށް މަގުފަހިކުރުމަށްޓަކައި އެ މުއައްސަސާއަށް ނުވަތަ މުއައްސަސާތަކަކަށް ބަޔަކު ނުފޫޒު ފޯރުވައިގެން ފެށި ކަމަކަށް ވެސް ވެދާނެ އެވެ.

"ކޮންމެ ދުވަހަކު މެންދުރު ފަހު އެކެއް ޖަހާ އިރު ދިވެހި ގައުމީ ޓީވީއިން އައްޑޫ ބަހުރުވައިން ޚަބަރު ކިޔުމަކީ ކަންކަމުގެ ފުނަށް ނުވިސްނާ މީހަކަށް އެއީ ވަރަށް މޮޅު ކަމަކަށް ވެދާނެއެވެ. ޚުދު އަޅުގަނޑަކީ ވެސް އައްޑޫ ބަހުރުވައާ މެދު ފަޚުރުވެރިވާ މީހެއްމެއެވެ. އެހެނީ އަޅުގަނޑުގެ ހަތަރު މަތިފުށުގެ ތެރެއިން އެއް މަތިފުށް ނިސްބަސްވަނީ އައްޑުއަށެވެ. އަޅުގަނޑުގެ މާފައަކީ އައްޑޫ މީހެކެވެ. އަޅުގަނޑަށް އައްޑޫ ބަހުރުވަ އެނގޭ ވެސް މެއެވެ. ރީތި ވެސް މެއެވެ." އައްޑޫ ބަހުރުވައިން ޚަބަރު ކިޔާ އަޑު އަހައިލުމަކީ ފަރުދީ އަދި ޒާތީ ހައިސިއްޔަތުން އަޅުގަނޑަށް ވެސް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ކަމެކެވެ. ނަމަވެސް އަޅުގަނޑު މި ވާހަކަ މި ދައްކަނީ ގައުމީ ވިސްނުމަކުންނެވެ. އެ ނަޒަރުންނެވެ. ގައުމީ އެއްބައިވަންތަކަމަށް ޓަކައެވެ." އަޒީބެ ލިޔުއްވާފައިވެ އެވެ.

ރާއްޖޭގެ ބޮޑު އާބާދީއެއް ވާހަކަ ދައްކައި އުޅޭ ބަހުރުވައަކުން ގައުމީ ޓީވީން ހަބަރު ގެނެސްދީގެން އަޒީބެ މައްސަލަކަށް ވިޔަސް، މިކަން ގިނަ މީހުން ނަގާނީ ވަރަށް ޕޮޒިޓިވްކޮށްކަމާ ދޭތެރޭ ޝައްކެއް ނެތެވެ. ޕީއެސްއެމުން މި ގެނައި ބަދަލަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ހިސާބުތަކުގެ ބަހުރުވަ އަށް ވެސް މިފަދަ ދިރުމެއް އެތަނުން ގެންނަން އުޅޭކަމުގެ އިޝާރާތަކަށް ވެދާނެ އެވެ. އަޒީބެ ވެސް "ނަމައޭ" ވިދާޅުވެފައި އެ ވާހަކަ މާ ބޮޑު މައްސަލައަކަށްވެގެން ދައްކަވާ ނަމަ ހަމަ އެ ނަޒަރުން ވެސް އެކަން ނެގިދާނެ އެވެ.

އޭނާ ލިޔުއްވާފައި ގޮތުގައި އައްޑޫ ޗެނެލަކުން ނުވަތަ ރޭޑިއޯއަކުން އައްޑޫ ބަހުރުވައިން ޚަބަރު ގެނެސްދިން ނަމަ އޭނައަކަށް އެކަން މައްސަލަައަކަށް ނުވީހެވެ. އަޒީބެ ހަނދާންކޮށީ ކަމަށް ވެސް ވެދާނެ އެވެ. މީގެ ކުރިން ދިވެހި ރާއްޖޭގެ އަޑުން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ބަހުރުވަތަކުން ހަބަރާއި ޕްރޮގްރާމައް ގެނެސްދީފައިވެ އެވެ. އެކަމަކު ގައުމީ ރޭޑިއޯ އިން އެކަންކޮށްގެން މައްސަލައަކަށްވެގެން އުޅުނު ބަޔަކު ނެތެވެ.

އައްޑޫ ބަހުރުވަން އިން ޕީއެސްއެމުގެ ހަބަރު ގަޑިއެއް ގެނެސްދޭނތީ ކަންބޮޑުވެގެން އަޒީބެ ވިދާޅުވެފައި ވަނީ "އައްޑޫ ސިޓީގެ ޓީވީ ޗެނެލަކުން ނުވަތަ ރޭޑިއޯއަކުން އެ ބަހުރުވައިން ޚަބަރު ކީ ނަމަ، މީހަކު ބުނާނެ އެއްޗެއް ނޯންނާނެ" ކަމަށާއި "މުޅި ރާއްޖެއަށް ނިސްބަތްވާ ދައުލަތުގެ މީޑިއާއިން މުޅި ރާއްޖެއަށް ޢާންމުކުރައްވައި ވަކި ޚާއްޞަ، އެއް ބަހުރުވައަކުން ޚަބަރު ދުރަށް ފޮނުވުމަކީ މައްސަލައެއް" ކަމަށެވެ.

"ކޮންމެ ދުވަހަކު މެންދުރުފަހު އެކެއް ޖަހާއިރު ދިވެހި ގައުމީ ޓީވީއިން އައްޑޫ ބަހުރުވައިން ޚަބަރު ކިޔުމަކީ ކަންކަމުގެ ފުނަށް ނުވިސްނާ މީހަކަށް އެއީ ވަރަށް މޮޅު ކަމަކަށް ވެދާނެއެވެ. ޚުދު އަޅުގަނޑަކީ ވެސް އައްޑޫ ބަހުރުވައާ މެދު ފަޚުރުވެރިވާ މީހެއްމެއެވެ. އެހެނީ އަޅުގަނޑުގެ ހަތަރު މަތިފުށުގެ ތެރެއިން އެއް މަތިފުށް ނިސްބަސްވަނީ އައްޑުއަށެވެ. އަޅުގަނޑުގެ މާފައަކީ އައްޑޫ މީހެކެވެ. އަޅުގަނޑަށް އައްޑޫ ބަހުރުވަ އެނގޭ ވެސް މެއެވެ. ރީތި ވެސް މެއެވެ. އައްޑޫ ބަހުރުވައިން ޚަބަރު ކިޔާ އަޑު އަހައިލުމަކީ ފަރުދީ އަދި ޒާތީ ހައިސިއްޔަތުން އަޅުގަނޑަށް ވެސް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ކަމެކެވެ. ނަމަވެސް އަޅުގަނޑު މި ވާހަކަ މި ދައްކަނީ ގައުމީ ވިސްނުމަކުންނެވެ. އެ ނަޒަރުންނެވެ. ގައުމީ އެއްބައިވަންތަކަމަށް ޓަކައެވެ." ގައުމީ ރޫހުގައި މަތި އޮމާންކުރަން އަޒީބެ ލިޔުއްވާފައިވެ އެވެ.

އަޒީބެގެ މި ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ފާޑުކިޔަމުންނެވެ. އަދި އަޒީބެ ފަދަ ބަހުގެ "އެދުރަކު" ވަކި ބަހުރަވައަކާ "ޖައްސާލުމަކީ" ވެސް ގިނަ ބަޔަކަށް ހަޖަމުކުރެވޭ ކަމެއް ނޫނެވެ. ފަހަރުގައި އަޒީބެ ފަދަ "ބަހުގެ އެދުރެއް" ނޫން މީހަކު އެ ޒާތުގެ ވާހަކަ ދެއްކި ނަމަ ބަޔަކަށް ހަޖަމުކުރަން ވެސް ތަންކޮޅެއް ފަސޭހަވީހެވެ.