Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އައްޑޫން ބޭނި މަހެއް ރެކޯޑަކަށް ވެދާނެ!

އައްޑޫ ބޭނި މަހެއް ރެކޯޑަކަށްވުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

މިއީ އައްޑު އައި އެމެރިކާގެ މީހަކު އައްޑޫގައި ސްޕޯޓްސް ފިޝިންގެ ހިދުމަތް ދޭ، އައްޑޫ ސްޕޯޓްސް ފިޝިންއާ އެކު މަހަށް ގޮސް ބޭނި އެއްޗެކެވެ. މި މަސް ބޭނި ޓްރިސްޓަން ޓްރަރޯޓްއާ އަކީ އެމެރިކާގެ ދޮށި އުފައްދާ ކުންފުންޏެއް ކަމަށްވާ "ޓެމްޕަލް ރީފް" ކިޔާ ދޮށިތަކެއް ޓެސްޓްކޮށް މާކެޓް ކުރުމަށް އައި މަސްވެރިއެކެވެ.

މިދިޔަ މަހުގެ 15 ގެ އިރާކޮޅު ވަގުތެއްގައި ބޭނި "ބްލެކް ސްނޫކް" ގައި 68.5 އިންޗި (5 ފޫޓް 7 އިންޗި) ހުރި އިރު ބަރުދަނަކީ 14.06 ކިލޯ އެވެ. މި ބާވަތުގެ މަހަކީ އާންމުކޮށް ކަނޑުއަޑީގެ 400 މީޓަރު އަޑީގައި އުޅޭ އެއްޗެކެވެ. އައްޑޫން "ބްލެކް ސްނޫކް" ބޭނީ 300 މީޓަރު އަޑިންނެވެ.

އިންޓަނޭޝަނަލް ގޭމް ފިޝް އެސޯސިއޭސަން (އައިޖީއެފް) އިން ބުނެފައިވާ ގޮތުގައި އައްޑޫން ބޭނި މި މަހަކީ މިހާތަނަށް ބޭނި އެންމެ ބޮޑު އެ ބާވަތުގެ މަހަށްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެހެންވެ އެކަން އިތުރަށް ކަށަވަރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެހެންވެއްޖެ ނަމަ ހަމަގައިމު ވެސް އެއީ އައްޑޫ އަށް ލިބޭ ފަހަރަކަށް ވެސް ވާނެ އެވެ.
ކުރިން ބޭނި އެންމެ ބޮޑު "ބްލެކް ސްނޫކް" ކަމަށ×ް ރެކޯޑްކޮށްފައި ވަނީ 2017 ބޭނި 12.50 ކިލޯގެ މަހެކެވެ.އެ މަސް ބޭނީ ޖަޕާންގެ މަސްވެރިއެއް ކަމަށްވާ ޓޮކުނޮއޮޝިމާ ކިޔާ މީހެކެވެ.

އައްޑޫގެ މަސްދަތުރާއި ރެކޯޑަކަށް ވެދާނެ މަހާ ބެހޭ ގޮތުން ޓްރިސްޓަން ބުނީ އެ "ބްލޭކް ސްނޫކް" ދޮށީގައި ގަތުމާ އެކު ވެސް އެއީ ބޮޑު އެއްޗެއްކަން އެނގުނު ކަމަށެވެ. އެހެންވެ އެ ފެނުން މައްޗަށް ވެސް ނަގަން ފުދޭ ވަރަކަށް ވަގުތު ނެގި ކަމަށް ބުންޏެވެ.

"ވަރަށް މަޑުމަޑުން ހަމަޖެހިލައިގެން އިނދެ މިކަން ކުރީ. ގާތްގަނޑަކަށް ފަންސަވީސް ވަރަކަށް މިނިޓް ނެގި މަސް ފެނުން މައްޗަށް ނަގަން." އެމެރިކާގެ ފްލޮރިޑާ އަށް އުފަން ޓްރިސްޓަން ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި މަސް އެ މީހުން ތިބި އުޅަނދަށް ނެގުމާ އެކީ އެންމެން އެކަމާ ފޯރި ނަގަން ފެށި އެވެ. އަދި މަހުގެ ސައިޒު ފެނިފައި އެއީ ރެކޯޑަކަށް ވެދާނެ އެއްޗެއް ކަމަށް އެ މީހުން ވެސް ބުނަން ފެށި ކަމަށް ބުންޏެވެ.

"މި މަސް ބޭނި ވާހަކަ އަހަންނާ އެކު މަހަށް ދިޔަ މީހުން ރަށުގެ ބައެއް މީހުން ގުޅާފައި ބުނީމަ އަހަރެމެން ބަނދަރަށް ލެފި އިރު ވަރަށް ގިނަ ބަޔަކ މަސް ބަލާލަން ވެސް ޖަމާވެފައި ތިބި. ދެން އަަސްލި ވަރަށް ހާއްސަ ކަމަކަށް މި ދަތުރުވެގެން ދިޔައީ." ރާއްޖެ އަށް ކުރި ނުވަ ދުވަހުގައި މުޅިން ވެސް މަސްވެރިކަމަށް ވަގުތު ހުސްކުރި ޓްރިސްޓަން ބުންޏެވެ.

އައްޑޫން ބޭނި މަހާ ބެހޭ ގޮތުން އައްޑޫ ސްޕޯޓް ފިޝިން މޯލްޑިވްސްގެ ވެރިޔާ އަބްދުﷲ އާނިފް ޕީއެސްއެމަށް ވިދާޅުވީ އެ މަސް ރެކޯޑަކަށްވެއްޖެ ނަމަ އެއީ ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ވެސް ގެންގޮސްދޭނެ ކަމެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ރާއްޖޭގެ ސްޕޯޓްސް ފިޝިން ޗާޓާ ހިންގާ މީހުންނަ މިމަސްވެރިކަން މާކެޓްކުރަން ވެސް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

އަހަރެންނާ އެކު ގޮސް މި މަސް ބޭނުނަސް މިއީ މައެކަނި އަހަރެންނަށް ލިބުނު އުފަލެއް ކަމަކަށް ނުދެކެން. މިއީ ރާއްޖޭގައި މިމަސްވެރިކަން ކުރާ ހުރިހާފަރާތްތަކަށް ލިބުނު ރަނުގެ ފުރުސަތެއް ގޮތައް މިކަން ސިފަކުރާނީ،" މިހާތަނަށް ބޭރުގެ އެތައް ބަޔަކު ގސްވައިގެން މަސްވެރިކަން ތަޖުރިބާކޮށްފައިވާ އާނިފް ވިދާޅުވި އެވެ. "އެއީ ރާއްޖޭގެ މަސްވެރިކަން މިކަމާ ގުޅިގެން ވަަރަށް ބޮޑަށް އިސްތިހާރުވެގެން ދާނެ."

ޓްރިސްޓަންގެ އިންސްޓަގްރާމްގައި ރާއްޖޭގެ މަސް ދަތުރުގެ ފޮޓޯތަކާއި އެކަމުގެ ތަޖުރިބާ ހިއްސާކޮށްފައިވެ އެވެ.