ރަންބީރް ކަޕޫރާއި އާލިއާ ބަޓް މާދަމާ ކައިވެނިކުރާތީ އެ ދެ މީހުންގެ "ލޯބި ދައްކާލަން" އާ ވީޑިއޯކޮޅެއް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އާންމުކޮށްފި އެވެ.
މިއީ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު އަދި މި އަހަރުގެ ސެޕްޓެމްބަރުގެ 9 ގައި ސިނަމާތަކަށް ގެންނަން އޮތް "ބުރައްމަސްތުރާ" ގެ ލަވައެއްގެ ތަންކޮޅެކެވެ. މި ވީޑިއޯކޮޅު ދަރުމާ އިން ގެނެސްދީފައި އޮތީ ދެ ތަރިންނަށް "ބާއްޖަވެރިކަމަށް ވެސް އެދެމުންނެވެ."
މި ދަނޑިވަޅާ ދިމާކޮށް ދަރުމާ އިން މީގެ ދެ ދުވަހެއް ކުރިން ވެސް އެ ދެ މީހުން އެއްކޮށް ފެންނަ ފިލްމުގެ ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ.
އާލިއާ އަކީ ކަރަން ދަރިއެއްގެ ގޮތުގައި ދެކޭ ބަތަލާއެކެވެ. މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ހަގު ދަރިފުޅު އާލިއާ ބޮލީވުޑަށް 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ނެރުނީ ވެސް ކަރަން އެވެ. އަދި އޭނަގެ ސްޓޫޑިއޯގެ ފިލްމުތަކުން މިހާރު އެންމެ ގިނައިން ފުރުސަތު ލިބޭ އެއް ބަތަލާ އަކީ ވެސް އާލިއާ އެވެ. ކަރަން ޑައިރެކްޓްކޮށް އަންނަ އަހަރު ގެނެސްދޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލާ އަކީ ވެސް އާލިއާ އެވެ.
ރަންބީރާއި އާލިއާގެ ކައިވެނީގެ ރަސްމީ ހަފުލާ މާދަމާ ބާއްވާ އިރު، އެކަމާ ގުޅުން ހުރި އިތުރު އެހެން ހަރަކާތްތައް މިއަދު މެންދުރު ފަހު ވަނީ ފަށައިފަ އެވެ. ކައިވެނީގެ ހަފުލާ ބާއްވަނީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރްގެ އާއިލީ ގެ ކްރިޝްނާ ރާޖްގަ އެވެ. އެ ކައިވެންޏަށް އެ ގެ އޮތީ ކުލަބޮކިތަކުން ހުޅުދާންކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މާދަމާ ކައިވެނިކުރުމަށް ފަހު، ދެ ތަރިންގެ ރިސެޕްޝަން ކުލަގަދަކޮށް މި މަހުގެ 17 ގައި މުމްބާއީގެ ތާޖު މަހަލް ޕެލެސް ހޮޓެލްގައި ބާއްވާނެ އެވެ.